ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުން ކައިރީގައި ދައްކަވާ ވާހަކަތަކާ އެއްގޮތަށް މިހާތަނަށް ވެރިންގެ ފަރާތުން ކަންކަން ނުކުރެވޭ ކަމަށާއި އެކަމަކު އެކަން އެންމެ ކުޑަކޮށް ފެނިވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަންނަވަން ދައްކަވަނީ އެއް ވާހަތަކެއް ކަމަށާއި ވެރިކަން ލިބިވަޑައިގަތުމާ އެކު ރާގު ބަދަލު ކުރައްވާ ކަމަށެވެ.
ވެރިކަން ލިބިވަޑައިގަތުމާ އެކު، ފުނަ ބަދަލު ކޮށްލާފައި ރާގު ބަދަލުކޮށްލާފައި ކީހާ ފަރިހި ޅެމަށް ބަދަލުވަނީ. މިއީ ނޫންތޯ ހަގީގަތަކީ. އެ ކަންތައްތައް އެންމެ ކުޑައީ އަޅުގަނޑު ދަންނަވަން މި އުޅެނީ ރައީސް މުއިއްޒުގެއޭ،" ގާސިމް ވިދާޅުވި އެވެ.
މިހާރުގެ ރައީސް މުއިއްޒަށް ތައުރީފު ކުރައްވަމުން ގާސިމް ވިދާޅުވީ، އެ އަށް ވުރެ އިހުލާސްތެރިކޮށް، ވަފާތެރިކޮށް މަސައްކަތްޕުޅު ކުރެއްވި އެއްވެސް ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ފެނުނު ތަނުގައި މި އަށް ވުރެ އިސްލާސްތެރިކޮށް، ވަފާތެރިކޮށް، އަމާނާތްތެރިކޮށް އިންސާނިއްޔަތުކަން ހުރެގެން މީހުންނާ ދޭތެރޭގައި ކަންތައް ކުރި މީހަކު ނެތް،" ގާސިމް ވިދާޅުވި އެވެ.
"މިފަދަ ނިކަމެތި ހާލުގައި، މިފަދަ ބޮޑު ދަރަނީގެ ތެރޭގައި އޮއްވައި ރަށްރަށަށް ގޮސް އެ ވަޑައިގަންނަވާ ވައުދުތައް ފުއްދުމަށްޓަކައި އެ ކުރައްވާ މަސައްކަތަށް އަޅުގަނޑަށް ދަންނަވާނެ އެއްޗެއް ވެސް ނޭނގޭ. އަޅުގަނޑު މި ހުންނަނީ އަންތަރީސް ވެފައި."
ގާސިމް ވިދާޅުވިި ގޮތުގައި ރާއްޖެ އޮތީ ދަރަންޏާ ހެދި ސަލާމަތް ނުވާ ހިސާބުގަ އެވެ. އެކަމަކު، އެ ދަރަނިތަކުން ސަލާމަތް ވުމަށް ވެސް އެތައް މަސައްކަތެއް މިހާތަނަށް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ހާލަތުގައި ރާއްޖެ އޮއްވައި، މެދުއިރުމަތީގެ ހަނގުރާމަ ފެށި، ތެލާއި ކޯބާތަކެތީގެ އަގު މުޅި ދުނިޔޭގައި އުފުލޭއިރު މި ގައުމަށް ސަލާމަތްކަން ބޭނުންވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ތަރައްގީ ގެނެވޭނީ ޕީއެންސީ އަށް ވޯޓު ދީގެން
ގާސިމް ރޭ ވިދާޅުވި ގޮތުގައި އެކި ރަށްރަށް ހާއްސަކޮށް ސިޓީތައް ތަރައްގީ ކުރެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންނެވެ.
އެ ވޯޓު ނުދިން ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ ބާރު އޮތީ މިހާރު ސަރުކާރު ހިންގާ ޕީއެންސީ އަށް ކަމަވާއިރު، ކައުންސިލްތަކާއި ސަރުކާރުގެ ވެރިންނާ ވާހަކަ ދެއްކުން ހުއްޓުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ ސިޓީތަކަށް ވެސް ކުރިއެރުން ލިބޭނީ އެ ސިޓީތަކުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ކާމިޔާބު ކުރެވޭނީ ޕީއެންސީ، މިއަދު ވެރިކަމުގައި އޮތް ފަރާތުގެ މެމްބަރުން ރައީސްކަމަށް ވިޔަސް އެ ތަނުގެ މެޖޯރިޓީ ލިބޭނެ ގޮތަށް ހޮވިގެން. އެ މީހުން ދެކޮޅަށް ޖެއްސީމާ ކިހިނެއް ވާނީ؟ ސަރުކާރުން އެ މީހުންނަށް ކަމެއް ކޮށްދޭން ބޭނުންވާނެ؟ ދެން ވެރިކަމުން ބޭރު ކުރެވޭނެ؟ އެ ކަމެއް ވެސް ނުކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.
"މެޖޯރިޓީއެއް ނެތް އެ މީހުންގެ އަތުގައި ރައްޔިތުންގެ މަޖިލިހުގެ."
ގާސިމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމާ ތަފާތު ބަޔަކަށް ކައުންސިލްތައް ދީފި ނަމަ ތަަރައްގީ ހުއްޓެން މެދުވެރިވާނެ ކަމަށެވެ. މި ސަރުކާރުގައި ބާކީ އަދި ދެ އަހަރަށް ވުރެ ގިނަ ދުވަސް އޮތް އިރު އެއީ ވިސްނަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މޫނުމަތީގައި އަޅައި ވިހެލީމާ ކާކުތަ ހިތުގައި އެއްޗެއް ނެތަސް އަދި މާ ބޮޑު ކަމެއް ނެތަސް ހިތްހެވެއް ނުވެވޭނެ ދޯ މާ ފަސޭހަކޮށް. އިންސާނެއް ކަމަށް ވެއްޖިއްޔާ ހިތުގައި ކޫރުމެއް އަންނާނެ، ކޫރުމެއް އެޅިފައި ހުންނާނީ. ކަޅު ތައްގަނޑެއް ޖެހިފައި އިންނާނީ އިންސާނެއް ކަމަށް ވިއްޔާ." އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދޭ ގޮތަކުން ވެދާނެ ގޮތަކަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ލޯކަލް އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރުމެވެ.
"އެހެންވީމާ އަޅުގަނޑުގެ ވާހަކައަކީ ޕީއެންސީގެ މެމްބަރު ހޮވާށޭ. އެއީ އަޅުގަނޑުގެ ޕާޓީން ވެސް ނިންމާފައި އޮތީ ކައުންސިލުން ވެސް ނިންމާފައި އޮތީ މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް އަޅުގަނޑުމެން މީހުން ނުނެރޭނަމޭ. އަޅުގަނޑުމެން ތާއީދު ކުރާނީ ޕީއެންސީއަށޭ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ކަންކަން ނިންމާއިރު ބުއްދިވެރިކަން އިސްކުރަންޖެހޭ ކަމަށާއި "ޕީސްފުލް ހަޔާތެއް" ރާއްޖެ އަށް ގެނެވެން އޮތީ ސަރުކާރަށް ތާއީދު ކޮށްގެން ކަމަށެވެ.