ޕީއެންސީގެ ކޮންގްރެސްގައި އެކި މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.
އޭގެ ތެރޭގައި ޕާޓީގެ ނާާއިބު ރައީސުންނާއި މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރި އަންހެން މެމްބަރުންނާއި ޒުވާނުންގެ މެމްބަރުކަމުގެ މަގާމަށް އިންތިހާބު ބޭފުޅުންނާއި މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރި އާންމު މެންބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ޕީއެންސީގެ ކޮންގްރެސްގެ މިއަދު މެންދުރުފަހު ދަންފަޅީގެ ޖަލްސާގައި އެ ބޭފުޅުންނަށް އިގުރާރު ލައިދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އެވެ.
އިގުރާރު ލައިދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި، ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ހަ ބޭފުޅުން ވަނީ ހުވާ ކުރައްވައިފަ އެވެ. އެއީ:
- ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު)
- ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޕީއެންސީގެ ލީޑާޝިޕަށް އިންތިހާބުވީ ބޭފުޅުން ހުވާ ކުރެއްވީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ.
އޭގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެެނެނީ 10 ބޭފުޅެކެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ މަގާމުތަކުން ޕާޓީގެ ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި:
- ރައީސް އޮފީހިގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
- ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު
- ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން
- ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
- ސްޕޯޓްސް މިނިސްޓަރު މުހައްމަދު ތޮލާލް
- ހެލްތު މިނިސްޓަރު ގީލާ އަލީ
- ގަތަރުގައި ހުންނަވާ ސަފީރު އާދަމް ޝަރީފް
ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯއިންގެ ތެރެއިން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީލާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ.
ޕީއެންސީގެ މަތީ މަޖިލީހަށް އިންތިހާބުވި އަންހެން މެމްބަރުން:
- މަރިޔަމް ޝިއުނާ
- ޝެރީނާ އަބްދުއްސަމަދު
- ފާތިމަތު މިޒްނާ އަލީ
- މަރިޔަމް ސާމިޔާ
- އައިޝަތު މުހައްމަދު
- އާސިޔަތު ރީސާ މުހައްމަދު
- ފާތިމަތު މުހައްމަދު
- ފާތިމަތު ރުހްސާނާ
- އައިމިނަތު ޝުހުދާ
ޒުވާން މެމްބަރުންގެ ގޮތުގައި މަތީ މަޖިލީހަށް އިންތިހާބުވި ސިމާން ހާދީ އާއި އިބްރާހިމް އަދްޔަން ނިމާލާއި މަލްޝާ ޝަރީފާއި މުހައްމަދު އަސީލާއި ލުޖައިނުﷲ ޒުހައިރާއި އިސްމާއިލް ރިފާއު އަދި ހައްމާދު ރަޝީދުގެ އިތުރުން އާންމު މެމްބަރުންގެ ގޮތުގައި އިންތިހާބުވި 18 ބޭފުޅުން ވެސް ވަނީ މިއަދު ހުވާކުރައްވައިފަ އެވެ.
އަންހެނުންގެ ހަރަކާތުގެ ރައީސް، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދާއި އެ ހަރަކާތުގެ އިސް ބޭފުޅުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސް އިބްރާހިމް އަބާން އާއި އެ ހަރަކާތުގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުން ވެސް ވަނީ ހުވާކުރައްވައިފަ އެވެ.
އޭގެ އިތުރުން ޕާޓީގެ އިދާރީ މަގާމުތަކާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް ހޮވުނު ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ.