އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުލުން ކުރިއަށް ގެންދާ މަރުކަޒުތަކަށް ބޭނުންވާ ސާމާނުތައް ފޮނުވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފި އެވެ. 

އެ ކޮމިޝަނުން ބުނީ، އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމް ކުރަން ނިންމާފައިވާ ކަަމަށެވެ. 

އެ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ފޮނުވަން ފަށާފައިވާއިރު، ހއ، ރ، ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ މަރުކަޒުތަކަށް ވައިގެ މަގުން މިއަދު ތަކެތި ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. 

ރަށެއްގެ ވޯޓުލާ މަރުކަޒަކަށް ސާމާނު ގެންދަން މަތިންދާބޯޓަށް އަރުވަން ތައްޔާރުކޮށްފައި.---ފޮޓޯ: އީސީ
ރަށެއްގެ ވޯޓުލާ މަރުކަޒަކަށް ސާމާނު ގެންދަން މަތިންދާބޯޓަށް އަރުވަން ތައްޔާރުކޮށްފައި.---ފޮޓޯ: އީސީ

ކަނޑުމަގުން ތަކެތި ފޮނުވާނީ އެ ކޮމިޝަނުން ބުނި ގޮތުގައި ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ.  

މާލެ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު އެވެ.

ވޯޓުލާ މަރުކަޒުތަކަށް ސާމާނު ގެންގޮސްދެނީ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކަށް ގެންދާ ސާމާނު ތައްޔާރުކޮށްފައި.---ފޮޓޯ: އީސީ
ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކަށް ގެންދާ ސާމާނު ތައްޔާރުކޮށްފައި.---ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު، ލޯކަލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަނީ 1،368 ކެންޑިޑޭޓުންނެވެ.