ވިނަރެސް ފްލެޓެއްގައި ހިންގާ ލޯންޑްރީ ފެކްޓަރީ ހުއްޓާލަން ނޯޓިސް ދީފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

ހައުސިން ގްރޭޓާ މާލެ ނަމަކަށް ކިޔާ އެކައުންޓަކުން އެކްސްގައި އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އިންޑަސްޓްރިއަލް ސްޓެންޑާޑުގެ އެ ލޯންޑްރީ ފެކްޓްރީ ހިންގަނީ ވިނަރެސް ހުޅުމާލެ 2 ގެ 8އޭ-206ގަ އެވެ.

ސޯޝަލް ކެޓަރީގެ ތެރެއިން ދޫކޮށްފައިވާ އެ ފްލެޓުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ދޮންނަ މެޝިނާއި ހިއްކާ މެޝިން އަދި އެ ތަކެތި އިސްތިރިކޮށް ރީތިކޮށް ފަތްޖަހާލެވޭ މެޝިން ވެސް ބަހައްޓައިފަ އެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު، އެޗްޑީސީން ބުނީ ވިނަރެސް ފްލެޓްގައި ލޯންޑަރީ ހިންގާ މައްސަލަ ބަލަމުންދާ ކަމަށާއި އަދި އެކަން ހުއްޓާލަން މިހާރު ނޯޓިސް ދީފައިވާ ކަމަށެވެ. 

އާއްމުން ދިރިއުޅޭ ތަންތަނުގައި މި ފަދަ މަސައްކަތްތައް ކުރުމަކީ މަނާކަމެކެވެ. 

ހުޅުމާލޭގައި އެ މަސައްކަތަށް ހުއްދަ ދީފައި ވަނީ ރަށުގެ އިރުމަތީ އަދި ދެކުނުގެ ސަރަހައްދުތަކެވެ. 

ފެކްޓްރީ ހިންގަން ބޭނުންވާ ގިނަ އަދަދެއްގެ ގޭސްފުޅި ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އަދި ދޮންނަން ޖެހޭ ސާމާނު އަދި ދޮވެފައި ހުރެ ތަކެތި އުފުލަން ބޭނުންކުރަނީ، އާއްމުން ބޭނުންކުރާ ލިފްޓުތަކެވެ.