މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިންގު އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެހުންތަކެއް ހިއްސާ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޕާކިން ބިލްޑިންގުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ އިމާރާތްތަކުގައި ހަތަރު ފުރޮޅުލީ 2،600 އުޅަނދު އަދި 1،000 ސައިކަލް ޕާކު ކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ޕޯސްޓުގައި ހުރި ޕާކިން ބިލްޑިންގް ތަކުގެ ކުރެހުމެއް.--
މިނިސްޓަރު އަމީން ޕޯސްޓުގައި ހުރި ޕާކިން ބިލްޑިންގް ތަކުގެ ކުރެހުމެއް.--

އެއީ ޕާކިން މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ މަގުމަތީގައި ހުރި އުޅަނދުތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ޕާކިން ބިލްޑިންގު އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ފަށައިގެން އުޅޭ "މާލެ ފަހި" ޕްރޮގްރާމުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އަޅަން ނިންމާ އެކަން ޓްރާންސްޕޯޓު މިނިސްޓްރީން ޖުލައި، 2024 ގައި ވަނީ އިއުލާންކޮށްފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިން ހުރި ޕާކިން އިމާރާތްތައް ބޭނުން ނުކުރެވި މިހާރު ވަނީ ރުޅާލައިފަ އެވެ.