"އުޅްތާ ޕަންޖާބު" ގެ ޕްރޮޑިއުސަރުންނާއި އިންޑިޔާގެ ސެންސަރު ބޯޑާ ދެމެދު ހިނގި ބޮޑު އަރާރުންގަނޑު މުމްބައި ހައި ކޯޓުގެ ހުކުމާ އެކު މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. ކުރިން ހަމަޖެހިފައިވާ ގޮތަށް އަންނަ ހުކުރު ދުވަހު ފިލްމު ރިލީޒްކުރެވޭތީ ފިލްމުގެ ތަރިންނާއި ފިލްމުގައި ބައިވެރިވާ އެހެން މީހުން އަދި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކުވެސް ތިބީ އުފަލުންނެވެ.

ނަމަވެސް "އުޅްތާ ޕަންޖާބު"ގެ މައްސަލަތަކަށް އަދިވެސް ނިމުމެއް އައި ކަމަކަށް ނުބެލެވެ އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޕަންޖާބުގެ އެންޖީއޯއަކުން ވަނީ "އުޅްތާ ޕަންޖާބު" ރިލީޒްކުރުން މަނާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. މި އެންޖީއޯ އިން ބުނެފައި ވަނީ އަބީޝެކް ޗައުބޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޕަންޖާބަށް ހުތުރު ނަން ލިބޭ ފަދަ ގޮތަކަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ އަދި ބަލައިގަނެފައެއް ނުވެ އެވެ. އެންމެންވެސް މިހާރު ނޭވާ ހިފަހައްޓާލައިގެން ތިބީ ސުޕްރީމް ކޯޓުން ދޭނެ ޖަވާބަކަށެވެ.

ޝާހިދު ކަޕޫރާއި އާލިއާ ބަޓްގެ "އުޅްތާ ޕަންޖާބު" އަކީ ކްރައިމް-ތުރިލާ އެކެވެ. ފިލްމުގައި ދައްކަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މަޝްހޫރު ރޮކްސްޓާރެކެވެ.