ޝާހިދު އަދި ރިޒް.
21 ޖޫން 2021 - 07:19
ޝާހިދުގެ ކަޕޫރްގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ އެއް ކެރެކްޓާ ކަމަށްވާ ފިލްމު "އުޅުތާ ޕަންޖާބް" ގެ ޓޮމީ ސިންގްގެ ކެރެކްޓާ އަށް ފުރަތަމަ ގެންނަން ބޭނުންވީ ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސި އެކްޓަރު ރިޒް އަހުމަދު ކަމަށް އެ ފިލްމުގެ ސްކްރީން ރައިޓަރު ސުދީޕް ޝަރުމާ ބުނެފި އެވެ.
ބްލެކް ކޮމެޑީ ކްރައިމް ޑްރާމާއެއްގެ ގޮތުގައި 2016 ގައި ގެނެސްދިން އެ ފިލްމަކީ ޝާހިދު ޑްރަގަށް އެޑިކްޓްވެފައިވާ މިއުޒިޝަނެއްގެ ރޯލު ކުޅުނު ފިލްމެކެވެ. އެކްތާ ކަޕޫރާއި އަނޫރާގް ކޭޝަޕް އަދި މަދޫ މަންޓޭނާ ޕްރޮޑިއުސްކޮށް، އަބީޝެކް ޗޯބޭ ޑައިރެކްޓްކުރި "އުޅުތާ ޕަންޖާބް" ގެ ކާސްޓްގައި އާލިއާ ބަޓާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.
އެ ފިލްމާ ބެހޭ ގޮތުން ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ސުދީޕް ބުނީ ޓޮމީގެ ކެރެކްޓާ އަށް ޝާހިދަކި ފުރަތަމަ ހޮވުން ނޫން ކަމަށެވެ.
"އަހަރެމެން ބޭނުންވީ އޭޝިއާ ދަރިކޮޅުގެ އެކަމަކު އެހެން ގައުމެއްގެ އެކްޓަރަކު ޓޮމީގެ ރޯލަށް ގެންނަން. އެގޮތުން ހިޔާލަށް އެންމެ ފުރަތަމަ ގެނެވެނު އެކްޓަރަކީ ރިޒް. އަދި އޭނާއާ އަހަރެމެން ފިލްމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރިން." އޭނާ ބުންޏެވެ.
މި އަހަރު ބޭއްވި އޮސްކާ އެވޯޑްސްގައި 2019 ގެ ފިލްމު "ސައުންޑް އޮފް މެޓަލް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ ނޮމިނޭޝަނެއް ވެސް ލިބުނު ރިޒް، 38، އަކީ "ނައިޓްކްރޯލާ" އާއި "ވެނަމް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރަށް ހުނަރުވެރި އެކްޓަރެކެވެ.
ސުދީޕް ބުނި ގޮތުގައި ޓޮމީގެ ކެރެކްޓާ އަށް ރިޒް ގެންނަން ބޭނުންވި އެއް ސަބަބަކީ ކެރެކްޓާ ހުޅަނގުގެ ލައިފްސްޓައިލާ ގުޅިފައި އޮތުމާއި ކެރެކްޓާ އަކީ ލަންޑަނުގައި އުޅުނު މީހަކަށް ބޭސްކޮށްފައި އޮތް ކެރެކްޓާއަކަށްވުމުން ކަމަށެވެ.
"އެ ވާހަކަ އަހަރެން އަބީޝެކް [ޑައިރެކްޓަރު] އަށް ގުޅާފައި ވެސް ދެއްކި. އަހަރެން ބުނިން އޭނަ ކައިރީ ނައިޓްކްރޯލާ ބަލާފައި ހިނގާށޭ ފިލްމަށް ރިޒް ނަގަން. އަހަރެން ދެކެނުނު ގޮތުގައި ޓޮމީގެ ކެރެކްޓާ ރިޒްއާ ވަރަށް ގުޅޭ. އޭނަ އަށް ފިލްމު ކުޅެން ފުރުސަތު ލިބުނު ނަމަ، ޓޮމީގެ ކެރެކްޓާ އިން ބޮޑު ތަފާތެއް ފެންނާނެ،" އޭނާ ބުންޏެވެ. "އެކަމަކު ކާސްޓުން ނެގުމުގައި ޑައިރެކްޓަރުގެ ބޮޑު ދައުރެއް އޮންނާތީ ހަގީގަތުގައި ޝާހިދަށް ފުރުސަތު ލިބުނީ."
"އުޅުތާ ޕަންޖާބް" އަކީ އެ ފިލްމު ރިލީޒްކުރި ދުވަސްވަރު ވަރަށް މައްސަލަ ވެސް ބޮޑުވި ފިލްމެކެވެ. ސަބަބަކީ ޕަންޖާބް މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި ދައްކާ ކަމަށް ބުނެ މައްސަލަ ޖެއްސުމާއި އޭގެ ޕްލޮޓް އިންޑިއާގެ އާންމު މިންގަނޑަށް ނުފެތޭ ކަމަށް ބުނެ ހޫނުވި މައްސަލަތަލާ ހެދި އެވެ.
"އުޅުތާ ޕަންޖާބް" ފިލްމުފެއާގައި ހަތަރު އެވޯޑް ގެންދިޔަ އިރު ޝާހިދަށް ކްރިޓިކުންގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy