ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރާ އެކު އާމިރު ކުޅުނު ފިލްމަކީ 1996 ގެ "ރާޖާ ހިންދުސްތާނީ"
22 ނޮވެމްބަރ 2021 - 06:25
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާމިރު ޚާނާއި ކަރީނާ ކަޕޫރް އެކީގައި ކުޅުނު ތިން ވަނަ ފިލްމު "ލާލް ސިންގް ޗައްޑާ" ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފި އެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް އޮއްވާ ކޮވިޑާ ހެދި މި އަހަރަށް ފަސްކޮށް، އަނެއްކާ ފަހުން އަންނަ އަހަރަށް ފަސްކުރި ފިލްމު މިހާރު ތާވަލު ކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 18 އަށެވެ. އެ ތާރީހަށް ފިލްމު ފަސްކުރަން ނިންމީ ކުރިން ޖެނުއަރީ 6 ގައި ރިލީޒްކުރަން އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" ފެބްރުއަރީ 18 އަށް ތާވަލު ކުރުމުންނެވެ. އޭރު "ލާލް ސިންގް ޗައްޑާ" ގެ ތާރީހަކަށް އޮތީ ފެބްރުއަރީ 14 އެވެ.
އެހެންވެ ބޮޑު ދެ ފިލްމެއް ހަތަރު ދުވަހުގެ ތަފާތަކާ އެކު ސިނަމާތަކަށް ގެނައުމަކީ ވިޔަފާރި އަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށްވާތީ އެޕްރީލަށް އާމިރުގެ ފިލްމު ފަސްކުރީ އެވެ. އާލިއާ ބަޓް ޓައިޓްލް ރޯލު ކުޅެފައިވާ "ގަންގޫބާއީ" ފެބްރުއަރީ 18 އަށް ފަސްކުރީ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ޖެނުއަރީ 7 އަށް ތާވަލުކުރުންނެވެ.
"ލާލް ސިންގް ޗައްޑާ" އެޕްރީލް 18 އަށް ތާވަލުކުރި އިރު، އެ ތާރީހުގައި މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ "ކޭޖީއެފް: ޗެޕްޓާ 2" ރިލީޒް ކުރާނެ އެވެ. މި ފިލްމުގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕްރީލް 18 އަށް އާމިރުގެ ފިލްމު ގެނެސްދޭން ނިންމުމާ ގުޅިގެން ވަރުން ދަވަނާއި ކްރިތީ ސެނަންގެ "ބޭޅިޔާ" ގެ ތާރީހު ބަދަލުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އެޕްރީލް 14 ގަ އެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލާލް ސިންގް ޗައްޑާ" އަކީ އަދުވައިތު ޗަންދަން ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ. މިއީ ހޮލީވުޑްގެ ތަރި ޓޮމް ހޭންކްސްގެ 1994 ގެ "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެވެ.
އާމިރާއި ކަރީނާ ކުރިން އެކީގައި ކުޅުނު ފިލްމުތަކަކީ 2009 ގެ "3 އިޑިއަޓްސް" އާއި 2012 ގެ "ތަލާޝް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy