28 ނޮވެމްބަރ 2020 - 08:30
އަންނަ އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ ބޮޑު ފިލްމު ކަމަށްވާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަށް އިންތިޒާކުރަން ޖެހޭ އެހެން ސަބަބެއް އަނެއްކާ ވެސް ފިލްމުގެ ޓީމުން ދީފި އެވެ.
މި ފަހަރުގެ ޚަބަރަކީ "ބާހްބަލީ" ގެ ފިލްމުތައް ހަދައިގެން އޯޑިއަންސް ސިއްސުވައިލި ޑައިރެކްޓަރުގެ ފިލްމުގައި ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާން ވެސް ހިއްސާވުމެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމުގެ ވާހަކަ އެކި ހިސާބުތަކުން އާމިރުގެ އަޑުން ނެރޭޓްކޮށް ދޭނެ އެވެ. އަދި އެކަން ވެގެން ދާނީ ވަރަށް ހާއްސަ ކަމަކަށެވެ.
"އާރްއާރްއާރް" އަކީ 1920 ގައި ހިނގާ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ ޕީރިއަޑް އެކްޝަން ޑްރާމާ ފިލްމެކެވެ. މީގެ ލީޑް ބަތަލުންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. "އާރްއާރްއާރް" ގެ ބަތަލާ އަކީ އާލިއާ ބަޓެވެ. އަދި ފިލްމުގެ ރޯލުތަކުން އަޖޭ ދޭވްގަނާއި ޝްރިޔާ ސަރަން އާއި ޗަތުރަޕަތީ ސޭކަރް ފަދަ ތަރިން ފެނިގެން ދާނެ އެވެ.
މިޑިއާތަކުން ބުނީ ޝޫޓްކުރުމުގެ މަރުހަލާގައި އޮތް "އާރްއާރްއާރް" އަށް ވޮއިސް ނެރޭޝަން ދޭން އާމިރާ ވާހަކަ ދެއްކުމުން ފެހި ސިގްނަލް ދީފައިވާތީ އެކަމުގެ ތައްޔާރީތައް ޝޫޓިން ނިމުނުހާ އަވަހަކަށް ފަށާނެ ކަމަށެވެ. އާމިރު މި ވަގުތު އަންނަނީ އަހަރުގެ ފަހުކޮޅު ރިލީޒްކުރާ އޭނާގެ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ކުރަމުންނެވެ.
"އާރްއާރްއާރް" ގެ ލީޑް ދެ ތަރިންނާ އެކު ރާޖަމޯލީ.
އަންނަ އަހަރުގެ ކުރީކޮޅު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ "އާރްއާރްއާރް" އަކީ 400 ކްރޯޑް ރުޕީސް (54.22 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ފިލްމަކީ "ބާހްބަލީ" ގެ ފިލްމުތަކާ އެއްގޮތަށް އިންޑިއާގެ ބޮކްސް އޮފީހުގައި އަނެއްކާ ވެސް އާ ރެކޯޑްތަކެއް ހަދާނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy