ގެއެއްގެ ހަ ވަނަ ބުރީގެ އޭސީއެއް ސާވިސްކުރުމުގެ ތެރޭގައި އައުޓްޑޯ ޔުނިޓު މަތިން ވެއްޓި، ނުރައްކާތެރި ހާދިސާއެއް އިއްޔެ ހިނގައިފި އެވެ.
"މިހާރު"އަށް ލިބިފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، އިސްކަންދަރު މަގުގައި މަސައްކަތުގައި އުޅެނިކޮށް އޭސީގެ އައުޓްޑޯ ޔުނިޓު ބާރު ސްޕީޑުގައި ގޮސް ޖެހެނީ، އެ ތަނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގަ އެވެ.
އެ ޔުނިޓު ވެއްޓުމާ އެކު، ކައިރީގައި ތިބި މީހުން ސިއްސައިގެންދާ މަންޒަރު ވެސް، އެ ވީޑިއޯ އިން ފެނެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނިގޮތުގައި ހަވީރު 4:46 ހާއިރު އެ ހާދިސާ ހިނގީ، ގެއެއްގެ ހަ ވަނަ ފަންގިފިލާގެ އޭސީއެއް މަރާމާތުކުރުމުގެ ތެރޭގަ އެވެ.
އައުޓްޑޯ ޔުނިޓު ވެއްޓުނު ސައިކަލަށް ވެސް ގެއްލުން ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ސިޓީ ކައުންސިލުން އަދި ފުލުހުން ވެސް އައި ފަހުން. ފުލުހުން އެންގީ ސައިކަލު ވެރިފަރާތާއި އެ މަސައްކަތްކުރި ފަރާތުން ވާހަކަދައްކައިގެން އެކަން ހައްލުކުރަން،" "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.