ތިމާވެއްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދިރާސާކުރަން ފަށައިފި އެވެ.

ސަރުކާރުގެ ވެބްސައިޓުގައި ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ބުނީ ދަތުރުފަތުރަކީ ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މައިބަދަ ކަމަށެވެ.

ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތުމުން އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ އުފުލުމުގައި ހަރުދަނާ ނިޒާމެއް އޮތުމަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އާރުޓީއެލް ފެރީ ނިޒާމާ އެކު އެ ދަތުރުތަކަށް ބޮޑު ލުއެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އަނެއް ކޮޅުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ތަރައްގީކުރުމަކީ ވައިގެ މަގުން ރަށްތައް ގުޅާލަން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، ތެލުގެ އަގަށް އަންނަ ބަދަލުތަކާއި މޫސުމީ ގޮންޖެހުންތަކަކީ އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ހުރަސްތަކެއް ކަމަށް ފާހަގަކުރެ އެވެ.

"މިކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ތިމާވެއްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ދަނީ ދިރާސާކުރަމުންނެވެ." ވެބްސައިޓުގައިވެ އެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލައި، ދަތުރުފަތުރުގެ އަގުތައް ހެޔޮވުމަކީ އާއްމުންގެ އެންމެ ބޮޑު އުއްމީދު ކަމަށެވެ.

އެ އަމާޒަށް ވާސިލްވުމަށްޓަކައި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ފާހަގަކުރި އެވެ.