ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ، ތަފާތު ތިން މައްސަލައަކާ ގުޅިގެން ފިރިހެނުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛

  • އަޒުހީމް ސައީދު، 36، ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ
  • އަލީ ޝަފާޒު، 31، ޏ. ފުވައްމުލައް، ދޫޑިގަން ގޯލްޑަންގޭޓް
  • މުހައްމަދު ޖުނައިދު، 47، ސ. ހިތަދޫ، ކުޅިބަލާގެ

އަޒުހީމް ހައްޔަރުކުރީ ސޯޝަލް މީޑއާ އެކައުންޓެއް ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3،500ރ. ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގައި ބަހައްޓަން އަންނަ މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް ވަނީ ކޯޓުން އަމުރު ދީފަ އެވެ. 

ޝަފާޒު ހައްޔަރުކުރީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މަކަރާއި ހީލަތުން 4،500ރ. ހޯދި މައްސަލައާ ގުޅިގެންނެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބަހައްޓަން ވަނީ އަމުރު ނެރެފަ އެވެ.

ފުލުހުން ބުނީ ޖުނައިދު ހައްޔަރުކުރީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29،987ރ. ހޯދި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ބަންދުގެ މުއްދަތު ދީފަ އެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.