ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި މީހެއްގެ މަައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ހަމްދޫން އަހުމަދުގެ މައްޗަށް ކަމަށެވެ.
މާލެ އަށް އުފަން އުމުރުން 31 އަހަރުގެ ހަމްދޫން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި މިދިޔަ އަހަރުގެ ފެބްރުއަރީ ހަތެއްގަ އެވެ.
އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އަހަރުގެ އޭޕްރީލް 17 ގަ އެވެ.
ފުލުހުން ބުނި ގޮތުގައި 12 އަހަރުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާ އިން އޭނާ ޖޫރިމަނާ ކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެކަމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް އެ އިދާރާ އިން ކުރަމުން އަންނަ ކަމަށެވެ.