މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ މީހަކު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެ އިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ގ. މޫންލައިޓްވިޔު، މުހައްމަދު އުމައިރު، 58، އާއި ލ. ދަނބިދޫ، ގުލްއަލާގެ، މާޝާ އިބްރާހީމް، 38، އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުން ވެސް ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު އެވެ.

އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފެނުނު ފައިސާގެ އަދަދެއް ފުލުހުން ނުބުނެ އެވެ. 

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބިފައިވާ ފައިސާ ގެންގުޅުނު ކަމަށް ބަންދުގެ މަޖިލީހުގައި އެ ދެމީހުން އެއްބަސްވެފައިވެ އެވެ. އަދި ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އެ މީހުން ގެންގުޅޭ އެއްޗެހި ކަމަށް ވެސް އެއްބަސްވެފައިވެ އެވެ.