ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީގޭ ހަސަން އާޒިމް ވަނީ ހައްޔަރުކޮށްފަ އެވެ. 

އެއަށްފަހު، މިދިޔަ އަހަރުގެ މާޗު މަހު ޕީޖީ އޮފީހުން ވަނީ އެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ނަމަވެސް، ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައި ވަނިކޮށް ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭ އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށްފައި ތިއްބާ ހައި ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް އެ މީހުން ބަންދުން ދޫކުރި އެވެ. އޭގެފަހުން، އާ އަމުރެއްގެ ދަށުން ހައްޔަރުކުރި އެވެ.

ޕީޖީ އޮފީހުން ކުރިން ނެރުނު ބަޔާނުގައި ބުނީ އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށެވެ. އަދި "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ އެވެ.

ނިއުޝާދަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.