ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރަން 250 ސްކޮލާޝިޕަށް ހަޔާ އެޑިޔުކޭޝަން އިއްޔެ މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ސްކޮލާޝިޕްތަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔެވޭނެ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސާކްގެ ގައުމުތަކުގަ އެވެ. އެއީ ޗައިނާ، ފިލިޕީންސް، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، ސައުދީ އަރަބިއާ، ގަތަރު، ޖޯޑަން، ތުރުކީ، ރަޝިޔާ، ޗެކް ރިޕަބްލިކް، ބެލަރުސް، ސައުތް އެފްރިކާ، އިޖިޕްޓް އަދި ފީޖީ އެވެ.
ސްކޮލާޝިޕް ފުރުސަތުތަކުގައި ހިމެނެނީ:
ރާއްޖޭގައި ބެޗެލާސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުސަތު
- ސައިކޮލޮޖީ: 30 ފުރުސަތު
- ކައުންސިލިން ބިހޭވިއާ ތެރަޕީ: 30 ފުރުސަތު
- އޮކިއުޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
- ސްޕީޗް ތެރަޕީ: 30 ފުރުސަތު
ރާއްޖޭގައި މާސްޓާސް ޑިގްރީ ހެދުން
- ސައިކޮލޮޖީ: 20 ފުރުސަތު
ރާއްޖެއިން ބޭރުން ބެޗުލާސް ޑިގްރީއަށް ކިޔެވުން
- ސްޕީޗް ތެރަޕީ: 30 ފުރުސަތު
ރާއްޖެއިން ބޭރުގައި މާސްޓާސް ޑިގްރީއަށް ދޭ 80 ފުރުސަތު
- އޮކިޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
- ސްޕީޗް ތެރަޕީ: 30 ފުރުސަތު
- ބިހޭވިއާ އެނަލިސިސް/ބިހޭވިއާ ތެރަޕީ: 20 ފުރުސަތު
އެ ފުރުސަތުތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ 1:30ގެ ނިޔަލަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެރަޕިސްޓުން އުފެއްދުމުގެ ގައުމީ މަޝްރޫއެއް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ނޭޝަނަލް ޑިސްއެބިލިޓީ ސާވިސަސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާޓް ތެރަޕީ ސެންޓަރެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރު މެދުތެރޭގައި ފަށާނެ ކަމުގެ ޔަގީންންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
އެ ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ގާއިމްކުރުމުގެ މަސައްކަތް ވެސް އެކުއެކީގައި ފަށާނެ ކަމަށާއި އެ ސެންޓަރުތަ ގާއިމް ކުރުމުން ތެރަޕީގެ ހިދުމަތަށް ހިނގާ ހުރިހާ ހަރަދެއް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާސަންދަ އިން ދޭ ގޮތަށް އޮތް އޮތުން މުރާޖައާ ކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެކި ބާވަތުގެ ތެރަޕީ އާއި ނަފްސާނީ މައްސަލަތަކުގެ ތަފާސްހިސާބު އެންސްޕާ އިން މިދިޔަ ޖެނުއަރީގައި ވަނީ އާންމު ކޮށްފަ އެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،236 މީހުން ރަޖިސްޓްރީވެފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2،116 މީހުން ރަޖިސްޓްރީގައި ތިއްބެވެ. އެ އަދަދު ޖެނުއަރީ މަހު ވަނީ 2،173 އަށް އިތުރުވެފަ އެވެ.
ދެ ވަނައަށް އެންމެ ގިނަ މީހުން ތިބި، ޖިސްމާނީ ނުކުޅެދުންތެރިކަމުގައި މިދިޔަ ޑިސެމްބަރު މަހު 4،223 މީހުން ރަޖިސްޓްރީވި އެވެ. އަދި މިދިޔަ މަހު އެ ކެޓަގަރީގައި ތިބީ 4،272 އެވެ. ތިން ވަނައަށް އެންމެ ގިނައީ މަލްޓިޕަލް ޑިސެބިލިޓީ ނުވަތަ އެއް ނުކުޅެދުންތެރިކަމަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ.