ސޮއިކޮށްފައިވާ ވޯޓާސް ލިސްޓުތައް ޕާޓީތަކާ ހިއްސާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޮލާހު މިހެން ވިދާޅުވީ އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބް އިބްރާހިމް ވަހީދު (އިބުރޭ) ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އިބުރޭ ވިދާޅުވީ ރާއްޖޭގައި ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ވޯޓާސް ލިސްޓާއި އެހެނިހެން މައުލޫމާތުތައް ސިޔާސީ ޕާޓީތަކަށް އެކްސެލް ފޯމެޓުގައި ފޯރުކޮށްދެމުން އައި ކަމަށެވެ. އެކަމަކު މިއީ އެފަދަ މައުލޫމާތުތައް ޕާޓީތަކާ ހިއްސާނުކޮށް ބާއްވާ ފުރަތަމަ އިންތިހާބު ކަމަށް ވިދާޅުވެ، އިބުރޭ ވަނީ އިންތިހާބުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.
އެކަމާ ގުޅިގެން އީސީގެ ނައިބް ސޮލާހު މިއަދު ވިދާޅުވީ އިބުރޭ ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެކްސެލް ލިސްޓު ހިއްސާކުރުމުން ޕާޓީތަކުގެ އޮފިޝަލުން ވަނީ ވޯޓާސް ލިސްޓުގައި ސޮއި ވެސް ކޮށްފައި ކަމަށެވެ. އަދި ޕާޓީތަކާއި ކެންޑިޑޭޓުން ސޮއިކުރި ލިސްޓުތައް ވެސް ޕާޓީތަކާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޮލާހު ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފައިނަލް ލިސްޓު ސިޔާސީ ޕާޓީތަކަށް މެއިލްކޮށްފައި ވަނީ މިދިޔަ މާޗު 12 ގައި އެވެ. އަދި ސޮއިކޮށްފައިވާ ލިސްޓު މެއިލް ކުރީ މާޗު 24 ގައި ކަމަށް އޭނާ ވިދާޅުވެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ވެސް އެ ދުވަހު ބާއްވާނެ އެވެ.
އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމް ކުރަން ނިންމާފައިވެ އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު، ލޯކަލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަނީ 1،368 ކެންޑިޑޭޓުންނެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައިވާ ގޮތުން އެ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.