މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުލުމަށް ހަވީރު 4:00 ގެ ކުރިން ވޯޓު ކިޔޫގައި ޖެހުމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު އިލްތިމާސް ކުރައްވައިފި އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ޒާހިދު ވިދާޅުވީ މެންދުރު 2:00 އާ  ހަމައަށް 44 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ވެސް ތިބިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ވޯޓުލާން ބާކީ ކުޑަ ވަގުތުކޮޅެއް ކަމަށާއި ވަގުތު އިތުރު ކުރުމުގެ ވިސްނުން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކިޔު ބަންދު ކުރާނެ (ހަވީރު 4:00ގައި). އެހެންވީމާ އަޅުގަނޑު އެދޭ އެދުމެއް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް މިއަދު ހަވީރު 4 ޖަހަންވާއިރަށް ކިޔޫއަށް އަރުއްވައިދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ވަގުތު ހަމަވުމުގެ ކުރިން ކިޔޫއަށް އަރައިފި ނަމަ ވޯޓުލުމުގެ ފުރުސަތު އީސީން ދޭނެ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމަށް ބަހައްޓާފައިވާ 588 ފޮށީގެ ވޯޓުލުން ފެށީ މިއަދުގެ ހެނދުނު 8:00 ގަ އެވެ.

މި އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.

ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.