މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ހިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ.

މި ތިން އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ 588 ފޮށީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގަ އެވެ.

އީސީން ބުނީ ހެނދުނު 10:00ގެ ނިޔަލަށް މިހާތަނަށް 41،162 މީހުން ވޯޓު ލަފާއިވާ ކަމަށެވެ. އެއީ 16،166 އަންހެނުންނާއި 24،996 ފިރިހެނުންނެވެ.

އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 253،714 މީހުންގެ 13.96 ޕަސެންޓެވެ.

މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.

ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. 

އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.