ފަސޭހައިން އާއްމުންނަށް ބޭސް ފޯރުކޮށްދިނުމަށް، ބޭސް ކުންފުނިން ޕޯޓަލްއަކާއި ހާއްސަ ހޮޓްލައިނެއް މިއަދު ތައާރަފްކޮށްފި އެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު އުފެއްދި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނިން ނެރުނު ފުރަތަމަ ބަޔާނުގައި ބުނީ ބޭހުގެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް، އެ ތަނުގެ ހޮޓްލައިން ނަމްބަރު، 1505 އަށް މިއަދުން ފެށިގެން ގުޅޭނެ ކަމަށެވެ. 

ޒަރޫރީ ބޭސްތައް ހޯދަން އާއްމުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވާ ނަމަ، އެ ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން، ހޮޓްލައިންގެ އިތުރުން ސްޓޭޓް ފާމާއިން ވަނީ ހާއްސަ ޕޯޓަލް ވެސް ލޯންޗުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ އީ-ފާސް މެދުވެރިކޮށް ޕޯޓަލުން ބޭސް ހޯދަން އެދުމާއި އެދިފައިވާ ބޭސް ލިބުމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ބެލޭނެ ކަމަށެވެ. 

އެ ޕޯޓަލް ގާއިމްކޮށްފައިވަނީ އެންސްޕާގެ ނިޒާމާ ގުޅުވާލައިގެންނެވެ. އެހެންވެ، މިހާރު ވެސް ހިނގަމުންދާ ނިޒާމުގެ ތެރެއިން އަދި ސްޓޭޓް ފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް އަވަސް ހިދުމަތެއް ލިބޭނެ ކަމަށް ބަޔާނުގައި ބުންޏެވެ. 

ފަސޭހައިން ބޭސް ހޯދައިދިނުމަށް ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފްކުރިއިރު، އެކި ބަލިތަކަށް ބޭނުންވާ މުހިއްމު ބޭސް ނުލިބޭ މައްސަލަ މި ފަހުން ވަނީ ބޮޑުވެފަ އެވެ. މި ކުންފުންޏަކީ ވެސް އެ މައްސަލައަށް ހައްލެއްގެ ގޮތުގައި އުފެއްދި ތަނެކެވެ. 

ރާއްޖެއަށް ބޭނުންވާ ބޭސް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ފޯރުކޮށްދެމުން ދިޔައީ އެސްޓީއޯ މެދުވެރިކޮށެވެ. ނަމަވެސް، ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދުމުން އެ ހުރިހާ މަސައްކަތެއް ވަނީ އާ ކުންފުންޏަށް ބަދަލުވެފަ އެވެ.