ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ އަތޮޅު ފޮނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ފެރީ ނިޒާމަށް އާއްމުން ހޭލުންތެރިކުރުވަން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ދަތުރުތައް އޮންނާނީ ހިލޭ ކަމަށެވެ.
އޭގެ ފަހުން، އަންނަ ބުދަ ދުވަހުން ފެށިގެން ދަތުރުތައް އޮންނާނީ ޓިކެޓު ނަގައިގެންނެވެ. އާރުޓީއެލްގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓު ގަނެވޭނެ އެވެ.
އެ މަޝްރޫއުގެ ދަށުން ޒޯން 4 ގެ ފ، ދ. އަދި ތ. އަތޮޅުގައި މިހާރު ވެސް އެ ހިދުމަތް ވަނީ ފަށައިފަ އެވެ. އެއާއެކު، ރާއްޖޭގެ 15 އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށްޓަކައި ސަރުކާރުން ގެންދާ މުހިއްމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ގެންދާ އާރުޓީއެލް ފެރީގެ މަޝްރޫއުން ރާއްޖޭގެ ހުރިހާ އަތޮޅެއް، ހަ ޒޯނަކުން ގުޅާލާނެ އެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އާއްމުންނަށް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހިކުރުމާއި އަދި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ފައިދާ ހުރި ނިޒާމެއް ގާއިމްކުރުމެވެ.
އެ ހިދުމަތް ލ. އަތޮޅުގައި ފެށުމުން، އެ އަތޮޅުގެ ރައްޔިތުންނަށް ވެސް އަސާސީ ހިދުމަތްތަކާއި އެހެނިހެން އިދާރީ ހިދުމަތްތައް ހޯދުމަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.