އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓް ބ. ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެެވެ.

ދަރަވަންދޫ އެއާޕޯޓު ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓު، އައިލެންޑު އޭވިއޭޝަނާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް އަހުމަދު ޝަމީމް އެވެ. ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ އެއާޕޯޓާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. 

އެ ބަދަލާ އެކު، ދަރަވަންދޫ އެއާޕޯޓު އޮޕަރޭޓު ކުރުމާއި އެއާލައިން ސާވިސް ދަރަވަންދޫ އެއާޕޯޓުގައި ދޭނީ އައިލެންޑު އޭވިއޭޝަނުންނެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު، އައިލެންޑް އޭވިއޭޝަނުން ބުނީ އެއާޕޯޓު ތަރައްގީކޮށް ފަސިންޖަރުންނަށް މުޅިން އާ ތަޖުރިބާއެއް ބ. އަތޮޅުން ކުރެވޭނެ މި ޕްރޮޖެކްޓަކީ އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން އިސްނަގައިގެން ހިންގާ މަޝްރޫއުއެއް ކަމަށެވެެ. 

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް: އެ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް: އެ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިލެންޑު އޭޝިއޭޝަނުން ބުނި ގޮތުގައި އެ މަޝްރޫއުއާ އެކު، އެއާޕޯޓު ޓާމިނަލުގެ ސައިޒު 959 އަކަފޫޓުން 1،874 ފޫޓަށް ދެގުނަވާނެ އެވެ. އޭގެ ސަބަބުން އެއާޕޯޓަށް އަންނަ މީހުންނާއި ފުރާ މީހުންނާއި ޗެކިން ވުމާއި ބަގޭޖް ޕްރޮސެސިން ޒޯނުގައި ހަރަކާތްތެރިވާ ފަސިންޖަރުން މެނޭޖު ކުރުމުގައި ފަސޭހަތަކެއް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ހަދަނީ ކަނޑު އަޑީގެ ރީތިކަމަށް ޝައުގުވެރިވާނެ އާކިޓެކްޗާއެއް ހިމެނޭ ގޮތަށެވެ.

ޓާމިނަލުގެ ބޭރުގައި ވެއިޓިން އޭރިއާއެއް ހަދަން ނިންމާފައިވާއިރު އެރައިވަލް އޭރިއާ ވެސް ބޮޑުކުރާނެ އެވެ. އަދި ބަގޭޖް ކޮންވެޔާ ބެލްޓް އިންސްޓޯލުކޮށް އެރައިވަލް އޭރިއާއަކީ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު އުޅެވޭނެ ތަނެއްގެ ގޮތުގައި ޑިޒައިންކޮށްފައިވެ އެވެ. 

އެ މަޝްރޫއުގެ ދަށުން ޗެކް-އިން އޭރިއާ ބޮޑުކުރުމާ އެކު، އެ ތަނުގައި ސެލްފް ޗެކިން ކިއޮސްކްސް އާއި ކިއު މަދުވާނެ އަދި ލުއިފަސޭހަކޮށް ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. 

ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީނާއި އައިލެންޑް އޭވިއޭޝަންގެ ބައެއް އިސްވެރިންނާއި ދައުލަތުގެ ބައެއް އެހެން އޮފިޝަލުން މިއަދު ދަރަވަންދޫ އެއާޕޯޓުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީނާއި އައިލެންޑް އޭވިއޭޝަންގެ ބައެއް އިސްވެރިންނާއި ދައުލަތުގެ ބައެއް އެހެން އޮފިޝަލުން މިއަދު ދަރަވަންދޫ އެއާޕޯޓުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ ކުންފުނިން ބުނީ ޑިޕާޗާ ހޯލު ބޮޑުކޮށް، ގުދުރަތީ އަލި ވަންނަ ގޮތަށް އޯޕަން އަދި ޖާގަ ތަނަވަސް ޕްރީ ބޯޑިން އޭރިއާއެއް ވެސް ގާއިމުކުރާނެ ކަމަށެވެ. އެ އަޕްގްރޭޑްކުރުމާ އެކު، ޒަމާނީ ސެކިއުރިޓީ ސްކްރީނިން އާއި ބޯޑިން ތިން ގޭޓް އެ ތަނުުގައި ހުންނާނެ ކަމަށެވެ. އަދި އެތަނުގައި ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ޖާގަ 80 އިން 175 އަށް ވުރެ މަތިވާނެ ކަމަށް ބުންޏެެވެ. 

ދަރަވަންދޫ އެއާޕޯޓުގެ ލައުންޖް
ދަރަވަންދޫ އެއާޕޯޓުގެ ލައުންޖް

ދަރަވަންދޫ އެއާޕޯޓުގައި މުޅިން އާ އެގްޒެކެޓިވް ލައުންޖެއް ވެސް ގާއިމުކުރަން ހަމަޖެހިފައިވާއިރު އެއީ  ފުރުމުގެ ކުރިން ފަސިންޖަރުންނަށް ހަމަޖެހިލަން ބޭނުންކުރެވިދާނެ ތަނެކެވެ. އެ ތަނުގައި 75 ސީޓު ޑިޒައިން ކޮށްފައި ހުންނާނީ ޕްރައިވެސީ އާއި އަރާމުކުރުން ލިބޭ ގޮތަށް ޕްރީމިއަމް ސީޓިން ޒޯނަކާ އެކު އެވެ.

އެ މަޝްރޫއުއާ ގުޅިގެން އައިލެންޑް އޭވިއޭޝަނުގެ އެމްޑީ އިޔާސް ވިދާޅުވީ ޓާމިނަލް ބޮޑުކުރުމާ އެކު އާ އެގްޒެކްޓިވް ލައުންޖުގެ ސަބަބުން ފަސެންޖަރުން އުއްމީދުކުރާ މެހުމާންދާރީ އާއި ހިދުމަތް ލިބޭނެ ކަމށެވެ. 

ދަރަވަންދޫ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ދަރަވަންދޫ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަރައްގީ ކުރުމަކީ އޭވިއޭޝަން ހަރުދަނާ ކުރުމަށް އަދި ބ. އަތޮޅަށް ދަތުރުކުރާ މީހުންގެ ހިދުމަތުގެ ފެންވަރު މަތިކުރަން ފަށާފައިވާ މަޝްރޫއުއެއް. ޓާމިނަލް ބޮޑުކުރުމާއި އެ ތަނުގައި ތަރައްގީކުރާ އެގްޒެކެޓިވް ލައުންޖާ އެކު ކަނެކްޓިވިޓީ ވަރުގަދަކޮށް ދީ، ފަސިންޖަރުން އުންމީދުކުރާ މެހުމާންދާރީ އާއި ހިދުމަތުގެ ފެންވަރާއި އިތުބާރު ދެމެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

ދަރަވަންދޫ އެއާޕޯޓުގެ ބަގޭޖް އޭރިއާ
ދަރަވަންދޫ އެއާޕޯޓުގެ ބަގޭޖް އޭރިއާ

ދަރަވަންދޫ އެއާޕޯޓަށް މިވަގުތު ކޮންމެ ދުވަހަކު ވެސް 8 ފްލައިޓަށް ވުރެ ގިނައިން ޖައްސަ އެވެ. އޭގައި އެ ސަރަަހައްދުގެ ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ޗުއްޓީ ހޭދަކުރަންދާ ގިނަ ބަޔަކު ދަތުރުކުރެ އެވެ.

މީގެ 14 އަހަރު ކުރިން އޮކްޓޯބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. 

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ހިންގުމުގެ އިތުރުން އެ އެއާޕޯޓުގެ ވެރިފަރާތުގެ ގޮތުގައި އައިލެންޑް އޭވިއޭޝަން ހަމަޖައްސަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު އޯގަސްޓް މަހު އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، އެ ތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޑިޒައިން އެންޑް ކޮންސަޓެންސީގެ ހިދުމަތް ހޯދަން އައިލެންޑް އެވިއޭޝަނުން އަމިއްލަ ކުންފުންޏާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. 

ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅުގެ ޓޫރިޒަމްގެ މައި ދޮރާށި ކަމަށް ވާތީ އާއި އާންމު ދަތުރުފަތުރަށް ވެސް ގިނަ ބަޔަކު ބޭނުންކުރާ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓަކަށް ވާތީ އެތަނުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަކީ ޖެހިފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެފައިވެ އެވެ.