ދެހާސް ސައުވީސް ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް ބީއެމްއެލުން ޑޮލަރު ސަޕޯޓް ދެމުން އައީ 5-10 ޕަސެންޓާ ދެމެދު ކަމަށާއި އެކަމަކު 2025 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓް ދޭ ގޮތަށް ހަމަޖެއްސުމާ އެކު، ވިޔަފާރިތަކަށް އެހީތެރިވުމުގައި ބޮޑު ކުރިއެރުމެއް ހޯދުނު ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޑޮލަރު އޭޓީއެމްގެ 70 އޭޓީއެމާއި ރުފިޔާ އޭޓީއެމްގެ 20 އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި އޭނާ ވިދާޅުވީ ޓީޓިއަށް ބޭންކުން ވިއްކާ ޑޮލަރުގެ ނިސްބަތަށް ގެނައި ހެޔޮ ބަދަލާ އެކު، ޓީޓީ އަށް ވިއްކާ ޑޮލަރުގެ އަދަދު ހަތަރު ގުނަ އިތުރުވި ކަމަށެވެ.
މިދިޔަ އަހަރު ބޭންކުން ޑޮލަރު ވިއްކާފައިވާ ގޮތާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އެ އަހަރު ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަެވެ. އޭގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެކި ބޭނުންތަކަށް 660 އަށް ވުރެ ގިނަ ޑޮލަރު ވިއްކައިފަ އެވެ