އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓަށް 888,845 ވޯޓު ކަރުދާސް ޗާޕްކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
އެ ކޮމިޝަނުން ވަނީ އެ ތިން އިންތިހާބުގައި ވޯޓުލާން ޗާޕްކުރި ވޯޓު ކަރުދާސްތަކުގެ އަދަދާއި ވަކިވަކި ދާއިރާތަކަށް ހާއްސަކުރި ކަރުދާސްތަކުގެ އަދަދު ވެސް މިރޭ ހާމަކޮށްފަ އެވެ.
އީސީން ބުނި ގޮތުގައި މި ފަހަރު ވޯޓު ކަރުދާސް ޗާޕްކުރީ ނޮވެލްޓީންނެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބު:
- ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕްކުރީ 297،959 ވޯޓު ކަރުދާސް
- އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް
- ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޗާޕްކުރީ 298،180 ކަރުދާސް
އީސީން ބުނީ، ތިން އިންތިހާބުގައި ވޯޓުލުމަށް 588 މަރުކަޒު ގާއިމް ކުރާނެ ކަމަށެވެ. އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަނީ 1،368 ކެންޑިޑޭޓުންނެވެ.
މި އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް އީސީން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ވޯޓުފޮށިތަކާއި އެހެނިހެން ސާމާނު ވެސް ރަށްރަށަށް ވަނީ ފޮނުވައިފަ އެވެ.
އީސީން ނިންމާފައި ވަނީ ތިން އިންތިހާބުގައި ވޯޓުލުމަށް ވަކިވަކިން ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ދިނުމަށެވެ. ކޮންމެ ވޯޓު ކަރުދާހެއްގެ ނުފުށުން އެއީ ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ދާއިރާއެއްގެ މައުލޫމާތު ވެސް ވޯޓު ކަރުދާހުގެ ނުފުށުން އެނގޭނެ އެވެ.
ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.
ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އީސީން ބުނި ގޮތުގައި ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އީސީން ބުންޏެވެ.