މާދަމާ އޮންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަހާ ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލުމަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސްކޮޅު ދޭނެ ކަމަށާއި އެއިން ކޮންމެ ކަރުދާހެއް ވެސް ލާންޖެހޭނީ ވަކި ފޮއްޓަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

ވޯޓުލުމުގައި ސަމާލުކަން ދޭންވީ ކަންކަން އާންމުކޮށް އީސީން ބުނީ ކޮންމެ މީހަކަށް ތިން ވޯޓުކަރުދާސް ދޭއިރު އެއިން ކޮންމެ ވޯޓު ކަރުދާހެއް ލާން ޖެހޭނީ، އެ ވޯޓު ކަރުދާހަށް ހާއްސަ ފޮއްޓަށް ކަމަށެވެ. 

ދޫކުރާނެ ވޯޓުކަރުދާސް: 

  • ލޯކަލް ކައުންސިލު އިންތިހާބުގެ ވޯޓު ކަރުދާސް 
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓު ކަރުދާސް
  • ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ކަރުދާސް

އީސީން ބުނީ އެ މީހަކަށް ދޫކުރެވެނީ ރަނގަޅު ދާއިރާގެ ވޯޓުކަރުދާސްކަމާއި ވޯޓު ކަރުދާސް ލެވެނީ ރަނގަޅު ފޮއްޓަށް ކަން ކަށަވަރުކުރަންވާނެ ކަމަށެވެ. 

އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހުގެ ނުފުށުގައި ދާއިރާގެ ކޯޑާއި ދާއިރާގެ ނަން އޮންނާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކަރުދާހުގެ ނުފުށުގައި ދާއިރާގެ ކޯޑާއި ދާއިރާގެ ނަމުގެ އިތުރުން އަންހެނުންގެ ކޮމެޓީގެ އިންތިހާބުގެ ނަމުން ކުލަ ބޯޑަރެއް އޮންނާނެ އެވެ. 

ހިޔާލު ހޯދުމުގެ ވޯޓުގެ ނުފުށުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަން ލިޔެފައިވާ ބޯޑަރެއް އޮންނާނެ އެވެ. 

  • އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ލާންޖެހޭ ފޮށީގައި ހުންނާނީ ހުދު ކުލައިގެ ލޭބަލެއް
  • ކައުންސިލް އިންތިހާބުގެ ވޯޓު ފޮށީގައި ހުންނަނީ ނޫ ކުލައިގެ ލޭބަލެއް.
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓު ފޮށީގައި ހުންނާނީ ފެހި ކުލައިގެ ލޭބަލެއް.

ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި ދެ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ 9:00 ގައި އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ބައިވެރިވާ ޕްރެސް ކޮންފަރެންސްއެއް ވެސް އޮންނާނެ އެވެ.