ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް ވޯޓު ދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެ ހައްގުގެ ބޭނުން ހިފުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފި އެވެ. 

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާއި މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެެނިހެން ގޮތްގޮތުން އެ ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އޭސީސީން ބުނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށް ވާތީ، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށެވެ. 

އެ ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމަށް، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ފަހު ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. 

އޭސީސީން ވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް މީހަކަށް ރިޝްވަތު ހުށަނޭޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ވޯޓުލުމުގެ ހައްގު ތެދުވެރިކަމާ އެކު ބޭނުންކުރުމަށް އެދިފައިވެ. އެވެ.