މާދަމާ އޮންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ. 

ފުލުހުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ.

އެކަމަކު، ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ. އެގޮތަށް ހަދަނީ، ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވިޔަސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ. 

"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ. ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ،" 

ޒާހިދު ވިދާޅުވީ 2021 ގައި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކުރިއަށް ދިޔައިރު ވެސް ބައެއް މީހުން ވޯޓުލުމަށް ގޮސް، ވަކި އިންތިހާބެއްގައި އެކަނި ވޯޓުލުމަށް ބޭނުންވާ ކަމަށް ބުނާ ކަމަށެވެ. އެހެންވެ އެ ފަހަރު ވެސް އެ ފުރުސަތު ދިން ކަމަށް ޒާހިދު ވިދާޅުވެ އެވެ. 

"އެހެންވެ އެގޮތަށް އަމަލުކޮށްފަައި ހާދިސާ ރިޕޯޓުގައި ވެސް އެކަން ލިޔާނެ. އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް ވެސް އެނގޭނެ މިވެނި ކަރުދާސްކޮޅެއް ބޭނުންނުކުރާކަން،" 

އިންތިހާބާ ގުޅިގެން އުފައްދާ ސުވާލުތަކާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ރައްޔިތުންނަށް އޮތް ވޯޓު ލުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބޭނެކަން އެ ކޮމިޝަނުން ކަށަވަރުކޮށްފައިވާ ކަމަށެވެ. 

ޒަކަރިއްޔާ ވިދާޅުވީ އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް މަރުކަަޒަކަށް ގޮސް، އެއްވެސް ނުފޫޒެއް ނެތި، އެމީހަކު ބޭނުން ކެންޑިޑޭޓަކަށް ސިއްރު ވޯޓުލެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން ކޮމިޝަނުގެ ފަރާތުން ސައްތައިން ސައްތަ ޔަގީންކަން އަރުވަން ކޮންމެ ދިވެހި ރައްޔިތަކަށް އެ މީހަކު ރަޖިސްޓްރީވެފައި އޮތް މަރުކަޒަކަށް ގޮސް އެ މީހަކު އިހުތިޔާރުކުރާ ބަޔަކަށް ސިއްރު ވޯޓެއް އިނގޭތޯ. އެ މީހެއްގެ އަމިއްލަ ވިސްނުމުގައި ނުފޫޒެއް ނެތި، މިނިވަންކަމާ އެކު ސިއްރު ވޯޓެއް ލެވޭނެ އިންތިޒާމު އަޅުގަނޑުމެންގެ ވޯޓުލާ މަރުކަޒުތަކުގައި އެހެރީ ހަމަޖައްސަދެވިފައި،" 

އެެހެންވެ، އެ ވޯޓުގެ ސައްހަކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ޔަގީންކަން ދެން މަރުކަޒަށް ވޯޓުލާންދާ ކޮންމެ މީހަކަށް އެ މީހަކު ބޭނުން މީހެއްގެ ފާހަގަ ޖަހާފައި ސިއްރު ވޯޓެއް ލެވޭނެ ކަމުގެ ޔަގީންކަންދެން. އެހެންވީމާ ވޯޓުގެ ސައްހަކަމާ މެދު އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ސުވާލެއް ނެތް." 

މާދަމާ އޮންނަ އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. 

މުޅި ރާއްޖޭގައި 582 ވޯޓު ފޮށި ބަހައްޓާފައިވާއިރު އެ ވޯޓު ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.