މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން މިއަދު ނަގާ ފެންނަ ނުފެންނަ އިންތިހާބުގެ ވޯޓުލުން ހަވީރު ފަހެއް ޖެހުމާ ހަމައަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިތުރުކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ހިޔާލު ހޯދުމުގެ ވޯޓުލާން ފެށީ މިއަދުގެ ހެނދުނު 8:00 ގަ އެވެ.
ކުރިން އީސީން ނިންމާފައި އޮތީ ހަވީރު 4:00 ގައި ވޯޓުލުން ނިންމާލުމަށެވެ. އިތުރު ވަގުތު ނުދޭނެ ކަމަށް އޭރު އީސީން ބުންޏެވެ.
އެކަމަކުމ މީގެ އިރުކޮޅެއް ކުރިން އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހޫނުގަދަވެ، ކިއު ދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު ހަވީރު ފަހެއް ޖެހުމާ ހަމައަށް އިތުުރު ކޮށްފައިވާ ކަމަށެވެ.
އީސީން ބުނީ މެންދުރު ދޭއް ޖެހުމާ ހަމައަށް 131،947 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ހައްގު ލިބިގެންވާ މީހުންގެ 44 ޕަސެންޓް މީހުންނެވެ.
އެ ވަގުތަށް ވޯޓު ލާފައި ވަނީ 68،175 ފިރިހެނުންނާއި 63،175 އަންހެނުންނެވެ.