ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ގޮތަށް އެޖެންޑާ ކުރުމަށް ފަހު، އެކަން ބަދަލުކޮށް، ފުރުސަތު ނުދިނުމުން އެ ޕާޓީގެ އެތެރެ ހޫނުވެއްޖެ އެވެ.
އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކުގައިވާ ގޮތުން ކާނިވަލުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގެ އެޖެންޑާ ފުރަތަަމަ އެކުލަވާލި އިރު އޮތީ ނަޝީދު ވެސް ވާހަކަފުޅު ދައްކަވާ ގޮތަށެވެ. ނަމަވެސް ފަހުން އެޖެންޑާ ބަދަލުކުރިއިރު، އޮތީ އޭގެ ބަދަލުގައި މޭޔަރަކު ވާހަކަ ދައްކަވާ ގޮތަށެވެ.
މި ހޫނުގަނޑުތެރޭގައި ނަޝީދު އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވީ "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.
ނަޝީދާ މެދު އަމަލުކުރި ގޮތުން އެކަމާ ހިތްހަމަ ނުޖެހި މިރޭގެ ޖަލްސާއަށް ނުދާނެ ކަމަށް ބައެއް އެކްޓިސްޓުން ސޯޝަލް މީޑިއާގައި ބުނަމުން ދާއިރު، ޖަލްސާގައި ނަޝީދު ވަޑައިގެން ނެތުމުން އެ މަނިކުފާނަށް ހާއްސަކުރި ގޮނޑި ހުރީ ހުހަށެވެ.
އެމްޑީޕީގެ ލީޑާޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު 2023 ވަނަ އަހަރު އެ ޕާޓީ ދޫކުރައްވައި، ޑިމޮކްރަޓްސް ޕާޓީ އުފެއްދެވި އެވެ. ނަމަވެސް މިދިޔަ އަހަރު އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ.
އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ކެމްޕެއިން ކޮށްދެއްވުމަށް ބައެއް ސިޓީތަކަށާއި ރަށްރަށަށް ވަޑައިގަތެވެ.