ހަފުތާއެއްގެ ތެރޭގައި ސްކޭމާ ގުޅޭ 40 އަށް ވުރެ ގިނަ މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 322،270ރ. އެވެ. 

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން ގާތްގަނޑަކަަށް 70 ޕަސެންޓު ފައިސާ އަނބުރާ ހޯދިފައިވާ ކަމަށެވެ. އެއީ 227،828ރ. އެވެ. 

އެ އިދާރާއިން ބުނީ އަދިވެސް އެންމެ ގިނައިން ރިޕޯޓުކުރަނީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތައް ކަމަށެވެ. މިފަދަ ޖުމްލަ 30 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެ އެވެ.

އޮންލައިންކޮށް ވިޔަފާރިކުރާއިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ އެފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅެކެވެ. 

އޭގެ އިތުރުން؛

- ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ ހަތަރު މައްސަލަ

- މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ހަތަރު މައްސަލަ

- އެހެނިހެން ސްކޭމްގެ ހަތަރު މައްސަލަ 

ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އެއީ މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށް ފުލުހުން ގަބޫލުކުރެ އެވެ.

ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށް ފަހު ވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރަން ވަނީ އެދިފަ އެވެ. އެގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށް ބުންޏެވެ.