ސްކޭމްތަކުގައި ފައިސާ ގެއްލުމުން ރިޕޯޓުކުރުން ލަސްވުމަކީ ފައިސާ އަނބުރާ ހޯދަން އޮތް ގޮންޖެހުމެއް ކަމަށް އެ ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެ އެވެ.
ސްކޭމް ސެންޓަރެއް އަހަރެއްވުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނަވީދު ވިދާޅުވީ ސްކޭމެއް ހިނގާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ފައިސާ ޖަމާވި އެކައުންޓުން އެކި ގޮތްގޮތުން ފައިސާ ނަގާ ކަަމަށެވެ.
އޭގެ ސަބަބުން ސްކޭމްގެ ޝިކާރައަކަށްވާ މީހާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
ނަވީދު ވިދާޅުވި ގޮތުގައި ސްކޭމަރުންގެ އުކުޅުތަކަށް ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމަށާއި ޕިރަމިޑް ސްކީމްތައް ފަދަ ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް މީހުން ގަބޫލު ވެސް ނުކުރެ އެވެ. އަދި ސްކޭމް ކޭސްތަކުގައި ކުށުގެ އަމަލުގައި އެކި ގާނޫނީ އިހުތިސާސްތައް ޝާމިލުވާ ހާލަތްތަކަކީ އެފަދަ ކުށްތައް ހުއްޓުވުމާއި އެ މައްސަލަތައް ތަހުގީގުކުރަން ވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޭމް ސެންޓަރަށް މިވީ އެއް އަހަރުގެ ތެރޭގައި އެ ތަނަށް 2259 މައްސަލަ ހުށަހަޅާފައިވެ އެވެ. އެ މައްސަލަތަކާ ގުޅިގެން 3852 އެކައުންޓް ފްރީޒްކުރި އެވެ.
ނަވީދު ވިދާޅުވީ ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ޖުމްލަ ފައިސާގެ 40 ޕަސެންޓް ފައިސާ އަނބުރާ ވިކްޓިމުންނަށް ހޯދައިދެވުނު ކަމަށެވެ. އެއީ 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއެކެެވެ. އަދި 183 މައްސަލައެއްގައި ހިމެނޭ ފައިސާގެ ތެރެއިން ބައެއް ހޯދައިދީފައިވެ އެވެ.
ނަވީދު ވިދާޅުވި ގޮތުގައި ސްކޭމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޮޕަރޭޝަންތައް ހިންގި އެވެ. އަދި 10 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަވީދު ވިދާޅުވީ ސްކޭމްކުރުމުގައި ކުށްކުރާ މީހުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުން އެންމެ ގިނަކަމަށް ފާހަގަކުރެވުނީ ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށެވެ.
އެ ބާވަތުގެ މައްސަލަތަކަކީ އެ ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ 50 ޕަސެންޓް މައްސަލަ އެވެ.
ސްކޭމް ސެންޓަރަށް ދެވަނައަށް އެންމެ ގިނަކަމަށް ފާހަގަވެފައި ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ނުވަތަ ފޮރިން އެކްސްޗޭންޖް ޓްރާންސެކްޝަންތައް ހިންގުމުގައި އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތަކެވެ.
ނަވީދު ވިދާޅުވީ އެފަދަ ސްކޭމްތައް ދުރާލައި ދެނެގަނެ، ސްކޭމަރުންގެ އޮޕަރޭޝަންތައް ހުއްޓުވައި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރަން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އާންމުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުކަން އިތުރުކުރުމަށާއި ސްކޭމަކަށް ޝައްކުވާ ފަދަ އެއްވެސް މުއާމަލާތެއް ފާހަގަވެއްޖެ ނަމަ، ކަމާ ބެހޭ އިދާރާތަކަށް ހިއްސާކުރަން ވެސް އޭނާ ބާރު އެޅުއްވި އެވެ.