ރައްުޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން، އަސްމާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކު ކޮށްފައިވާއިރު، އޭނާގެ މައްސަލަ ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި އެ ޕާޓީން ވަކިކުރަން ޕީއެންސީގެ ރައީސް އަދި ރައީސް މުއިއްޒު އެންގެވި ކަމަށް ބުނެ ވަނީ އަޑުފެތުރިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފަލާހު ވިދާޅުވީ، އެފަދަ އެންގެވުމެއް އައިސްފައި ނެތް ކަމަށެވެ.
"އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަސްމާ ވަކިކުރާކަށް ނޫޅޭ. އޭނާގެ މައްސަލައެއް އަޅުގަނޑުމެންނެއް ނުވެސް ބަލަން،" ފަލާހު ވިދާޅުވި އެވެ.
ޕީއެންސީން އަސްމާ ވަކިކޮށްފި ނަމަ އޭނާ ރައްޔިތުންގެ މަޖިލިހުން ވަކިވާނެ އެވެ. މި ސަރުކާރުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ އެވެ.
އަސްމާ ޕީއެންސީން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް އަރާފައި މިވަނީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފައިވަނިކޮށެވެ. މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮ އެވެ.
އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފަ އެވެ.
އެ އޯޑިއޯގައި އަސްމާ އެދިވަޑައިގަތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.
އަސްމާ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގަ އެެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ އަސްމާ އެ ކޮމިޓީން ވަކިކޮށްފަ އެވެ.
އަސްމާ ކޮމިޓީން ވަކިކުރީ ތާޖުއްދީން ސްކޫލްގައި ބާއްވަން އުޅުނު ބައްދަލުވުމުގައި ރައީސް މުއިއްޒާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ އެންގުމަށް އެދިވަޑައިގެން، އަސްމާ އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ހޫނުވި ދުވަސްވަރެއްގަ އެވެ.