އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް މިއަދު ވަކިކޮށްފި އެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި މައުރޫފަށް ފޮނުވި ސިޓީއެއްގައި ވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން މައުރޫފް ވަކިކޮށްފައިވާ ކަމަށެވެ.
މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިޔަސް މައުރޫފް އެ މަގާމުން ވަކިކުރި ސަަބަބެއް ސިޓީގައި ޣަފޫރު ވިދާޅެއް ނުވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރެއްވި މައުރޫފް މަގާމުން ވަކިކުރައްވާފައި މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިން މައްސަލާގައި އެ ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވަނިކޮށެެވެ.
އެ އައިޓަމް އުނިކުރުމުން ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ނުހުރުން ފާޅުކުރަމުންދަނިކޮށް މައުރޫފް ވަނީ ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ބޮޑަކަމަކީ ނާކާމިޔާބީ އަށް މަގުފަހިވާ ކަމެއް ކަމަށާއި މަޑުމައިތިރިކަން އިސްކޮށް، މީހުންނަށް ޝުކުރުވެރިވުމާއި އުއްމީދު ދީ، މަގު ދައްކައިދޭންޖޭހެ ކަމަށެވެ.
އެކަމަކު މައުރޫފް ވަކިކުރީ ސީދާ އެ ޕޯސްޓާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިނުގަތީ ޖަލްސާގެ އެޖެންޑާ ފުރަތަމަ އެކުލަވާލިއިރު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިން ނަމަވެސް ފަހުން އެޖެންޑާ އަށް ބަދަލު ގެނެސް އެ އައިޓަމް އުނިކުރުމުންނެވެ. އެކަމާ ހިތްހަމަނުޖެހިވަޑައިގެން ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓް ކުރީ އެވެ.
ނަމަވެސް ވަގުތީ ޗެއާޕާސަން ޣަފޫރު ފަހުން ވިދާޅުވީ، ނަޝީދު ވާހަކަފުޅު ދައްކަވަން ފުރުސަތު ނުދިނުމާ ގުޅުވައި "މަަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ" އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.
ނަޝީދަށް ފުރުސަތު ލިބިވަޑައިނުގަތުމުން އެ މަނިކުފާނު އެކްސް އެކައުންޓުގައި ރޭ ވިދާޅުވީ "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.