ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.

އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޖަމީލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. 

ނަމަވެސް އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ޖޭއެސްސީން މިހާތަނަށް ކަނޑައެއް ނާޅަ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއިރު، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ވެސް ޖޭއެސްސީން ކުރިމަތިލާން ހުޅުވާލި އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ އަދަދެއްގެ ސާފެއް ނުވެ އެވެ.