ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓު ހިންގުމާ މިހާރު ހަވާލު ހުންނެވި އަބްދުﷲ ޖަމީލް މޫސާ އަދި ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ ނަޝީދު އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ. 

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޖަމީލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އޭގެ ތެރެއިން ޖޭއެސްސީން ނިންމީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރާށެވެ. 

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

ޖަމީލް ވަނީ ފަނޑިޔާރުކަމުގައި 16 އަހަރަށް ވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ލ. ދަނބިދޫ މެޖިސްޓްރޭޓު ކަމާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް ޖަމީލް އައްޔަންކުރީ އޮގަސްޓް 3، 2025 ގަ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމުންނެވެ.

އެހެންވެ، ޖޭއެސްސީން މިއަދު ނިންމީ ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ނަޝީދު އައްޔަން ކުރާށެވެ.

ނަޝީދު ވަނީ ނ. މަނަދޫ މެޖިސްޓްރޭޓްކަމާއި އެ ކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަން ކުރައްވައިފަ އެވެ. 

އަދި ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ފެމެލީ ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އެވެ. ޝަރުއީ ދާއިރާގައި 21 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ނަޝީދު ފެމެލީ ކޯޓުގެ ގާޒީކަމަށް އައްޔަންކުރީ މާޗު 24، 2016 ގަ އެވެ.