އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހުގެ 17 ގައި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ، މިހާރު ތިބި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހު ކަމަށެވެ. އެއީ، ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ކައުންސިލްގެ ދައުރަކީ ފަސް އަހަރު ކަމަށް އޮންނާތީ އެވެ.

އެ ކައުންސިލަރުން ހުވާކުރީ މެއި 17، 2021 ގަ އެވެ. އެހެންވެ، އާ ކައުންސިލަރުން ހުވާކުރަން ޖެހޭނީ އަންނަ މަހުގެ 17 ވާ އާދިއްތަ ދުވަހެވެ.

އޭނާ ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަގުތު ކަނޑައަޅާނީ ފަނޑިޔާރުން ލިބެން ހުރި ގޮތަށް ބަލައިފަ އެވެ. އޭގައި ކައުންސިލްތަކާ ވެސް މަޝްވަރާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކައުންސިލަރުންނާއެކު އެ ދުވަހު ވަނީ އަންހެނުންގެ ކޮމެޓީތަކަށް ވެސް މެމްބަރުން އިންތިހާބުކޮށްފަ އެވެ. އެކަމަކު އެ މީހުން ހުވައެއް ނުކުރާނެ އެވެ. ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކޮމިޓީތަކުގެ އިގުރާރުގައި ސޮއިކުރާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1362 މެމްބަރުން ވަނީ ހޮވައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުމީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ކައުންސިލަރުން އިންތިހާބުކޮށްފަ އެވެ. ނަމަވެސް، އެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދި އިއުލާނެއް ނުކުރެ އެވެ.