ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ.
މިހާރު ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 7،000ރ. އެވެ. އަދި ނައިބު ރައީސުންނަށް 6،500ރ. ލިބޭއިރު މެމްބަރުންނަށް ލިބެނީ 6،000ރ. އެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،500ރ. އަދި މެމްބަރުންނަށް 5،000ރ. މަހަކު ލިބެ އެވެ.
އެކަމަކު ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމެޓީތައް ކަނޑައެޅުމާއެކު ކޮމެޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށެވެ.
އެއީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހަކު 33،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500ރ. އެވެ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް 21،000ރ. ކަނޑައެޅީ މުސާރައިގެ ގޮތުގައި 16،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500ރ. ދޭ ގޮތަށެވެ.
އެގޮތަށް ޕޭ ކޮމިޝަނުން ހަމަޖެއްސި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 20،000ރ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް 15،000ރ. ދިނުމަށެވެ.
އެ ބަދަލާ ގުޅިގެން އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000ރ. އަށް ބޮޑު ކުރުމުގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.
މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 6،000ރ. އަށް ބޮޑު ކުރުމުގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް އިތުރު 500ރ. ގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ. އަދި ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ މެމްބަރުންގެ މުސާރަ ބޮޑު ނުކުރި ނަމަވެސް، އެ މީހުންނަށް ވެސް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ގެ އިތުރު އެލަވަންސެއް ދިނުމަަށް ވެސް ޕޭ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެގޮތަށް މުސާރައަށް ބަދަލު ގެނައިކަން އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންނަށް ހޮވުނު މީހުންނަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.