ސިޓީތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ 20،000ރ. ކަަމަށް މިއަދު ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. 

އެ މިނިސްޓްރީން "މިހާރު" އަށް ބުނީ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުން މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ 20،000ރ. އަށް ކަމަށާއި ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް ދޭނީ މަހަކު 15،000ރ. ކަމަށެވެ. 

އެއީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ މުރާޖައާކުރަން އެދި ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅި އަދަދުތައް ވެސް މެ އެވެ. 

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ މުސާރައިގެ އޮނިގަނޑު ދެ ދުވަސް ތެރޭގައި މުރާޖައާ ކުރި މިއީ ތިންވަނަ ފަހަރެވެ. ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މިއީ "ފައިނަލް" ނިންމުން ކަމަށެވެ. 

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައަކަށް ބޮޑުކުރަން އުޅުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާފައި ވެ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 41،500ރ. ދޭށެވެ. ފަހުން އެ އަދަދު 33،000ރ. އަށް ކުޑަކުރި އެވެ. 

މުސާރަ މުރާޖައާކޮށް ގެނައި ބަދަލުތައް

  • ސިޓީތަކުގެ އަންހެނުންގެ ކޮމޓީގެ ރައީސުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 20،000ރ.
  • ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 7،000ރ.
  • ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 6،000ރ.
  • ރަށްރަށުގެ އަންހެނުންގެ ކޮމިޓީ ރައީސުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 15،000ރ. 
  • ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 6،000ރ. 
  • ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 5،000ރ. 

އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނަށް ޖުމްލަ މުސާރަ ދެނީ އެ މީހުން ބައިވެރިވާ ބައްދަލުވުންތަކުގެ އަދަދަށް ވެސް ބަލައިގެންނެވެ. އެގޮތުގެ މަތިން އަސާސީ މުސާރާ ނުލައި، ސީޓިން އެލަވަންސްގެ ގޮތުގައި، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ދެނީ 500ރ. އެވެ. އެކަމަކު، އެންމެ ގިނަވެގެން ދެވޭނީ މަހަކު 2،000ރ. އެވެ.