ރޭގަނޑު ޝިފްޓް އަދާކުރާތީ ދޭ އެލަވަންސް ކުޑަކުރި ކަމަށް މުވައްޒަފުންނަށް އެންގުނީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

ސިވިލް ސާވިސް ބެނެފިޓް އެލަވަންސަށް މިދިޔަ އޮގަސްޓް މަހު އަދި ހެލްތު ސާވިސް ބެނެފިޓަށް މިމަހު ގެނައި ބަދަލަކާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ވަނީ ނަރުހުންނާއި ޑޮކްޓަރުން އަދި ލެބް ޓެކްނީޝަނުންގެ ރޭގަނޑު ޝިފްޓް ޑިއުޓީ އެލަވަންސް 100ރ. އިން 60ރ. އަށް ކުޑަކޮށްފަ އެވެ.

މިދިޔަ މަހު މުވައްޒަފުންނަށް މުސާރަ ދީފައިވަނީ ވެސް އެ އެލަވަންސް ކުޑަކޮށްފަ އެވެ. 

އެ ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ދިމާވީ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ސޮފްޓުވެއާ ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން ދިމާވި ކަމެއްގެ ތެރެއިން ކަމަށެވެ. އެހެންވެ، އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރޭގަނޑު ޝިފްޓް އެލަވަންސުން އުނިކުރި ބައި މުވައްޒަފުންނަށް އަނބުރާ ދޭނެ ކަމަށެވެ. 

ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ އިނާޔަތް 10 ޕަސެންޓަށް ލިމިޓްކޮށްފައި އޮންނާތީ އެ ބައި ފޫބައްދަން ޕޭ ކޮމިޝަނުން އެކި އެލަވަންސްތައް ތައާރަފްކުރެ އެވެ.

ޕޭ ކޮމިޝަނުން މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު ނެރުނު ސިވިލް ސާވިސް ސެކްޓާ ބެނެފިޓުގައިވާ ގޮތުން، ރޭގަނޑު 12 އިން ހެނދުނު 6 އާ ދޭތެރޭގައި ކުރާ މަސައްކަތްތަކަށް 60ރ. އަދި ދުވާލު 6 އިން ރޭގަނޑު 12 އަށް ކުރާ މަސައްކަތްތަކަށް 40ރ. ދޭނެ ކަމަށެވެ.

އެކަމަކު، އޭގެކުރިން އަމަލުކުރި ހެލްތު ސެކްޓާ ބެނެފިޓުގައި ނައިޓް ޝިފްޓަށް ދިޔައީ 100ރ. އެވެ. އަދި ދާދިފަހުން ސިވިލް ސާވިސް ސެކްޓާ ބެނެފިޓްގެ ނަމުގައި އާ އެލަވަންސެއް ތައާރަފް ކުރިޔަސް، ހެލްތު ސެކްޓާގެ ޓެކްނިކަލް މުވައްޒަފުންނަށް އެލަވަންސް ދޭނީ ކުރީގެ އުސޫލުންނެވެ.