ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުން ރޭގަނޑު ޝިފްޓް އަދާކުރާތީ ދެމުން އައި އެލަވަންސް ކުޑަކޮށްފި އެވެ. 

ހެލްތު ސެކްޓާގެ މުވައްޒަފުންގެ މުސާރަ މޭ 2023 ގައި ބޮޑުކޮށް އަދި އޭގެ ފަހުން ފިނޭންސް މިނިސްޓްރީން އާއްމުކުރި ޕޭ ފްރޭމްވޯކް މިންގަނޑުގައި ވަނީ ސިއްހީ ދާއިރާގައި ޝިފްޓް އުސޫލުން ޑިއުޓީ ނަގާ މީހުންނަށް، ރޭގަނޑު މަސައްކަތްކުރާ ވަގުތަށް 100ރ. ގެ އެލަވަންސެއް ދޭން ނިންމައިފަ އެވެ.

ނަމަވެސް، މިިދިޔަ އޮގަސްޓް މަހު ގެނައި ބަދަލުގައި ވަނީ ރޭގަނޑު 12 އިން ހެނދުނު 6 އާ ދޭތެރޭގައި ކުރާ މަސައްކަތަށް ދެމުން ދިޔަ ޝިފްޓް އެލަވަންސް 100ރ. އިން 60ރ. އަށް ދަށްކޮށްފަ އެވެ. އަދި ހެނދުނު 6 އިން ރޭގަނޑު 12 އަށް އަދާކުރާ ޑިއުޓީއަށް، ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ދޭނީ 40ރ. އެވެ. 

މި ބަދަލު ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް ވެސް ވަނީ ގެނެސްފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު މުސާރަ ދީފައިވަނީ ރޭގަނޑު ޝިފްޓުގެ އެލަވަންސް ކުޑަކޮށްފަ އެވެ. 

އެލަވަންސާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި ޑޮކްޓަރަކު "މިހާރު" އަށް މިއަދު ބުނީ ރޭގަނޑު ޝިފްޓުގައި އާއްމުކޮށް މަސައްކަތްކުރާ މުވައްޒަފުން މަދު ކަމަށެވެ. އެހެންވެ، މަދު މުވައްޒަފުންތަކާއެކު ކުރާ މަސައްކަތަކަށް 100ރ. އަކީ ހައްގު މިންވަރެއް ކަމަށް އޭނާ ބުންޏެވެ. 

"ދަންވަރު ވަގުތަށް ވިއަސް މި ތަންތަނުގައި ފަރުވާ ހޯދާ މީހުން ވަކި މަދެއް ނޫން. ޑޮކްޓަރުންނަށް ވާނީ ހަމަ އެއްވަރަށް،" ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ބުންޏެވެ.

އޭނާ ބުނީ ހަފުތާގެ ފަސް ދުވަހު މަސައްކަތްކޮށް އަދި އޮންކޯލްގައި އެއް ދުވަހު ހުއްޓަސް، މުވައްޒަފުން މަދުވުމުން ބަންދު ދުވަހު ވެސް ޑިއުޓީއަށް ނުކުންނަންޖެހޭ ކަމަށެވެ.

"ސިވިލް ސާވެންޓުންގެ އޯވަ ޓައިމް ކުޑަކުރީ ވެސް ބަޖެޓު ނެތޭ ކިޔާފައި. އޭގެ ބަދަލުގައި އިތުރު ޑޮކްޓަރުން ވަޒީފާއަށް ނަގާނީއޭ އޭރު ބުނީ. އެހެންނެއް ވެސް ނުވޭ،" އޭނާ ބުންޏެވެ.