ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން ކުވޭތު ފަންޑުން 9.7 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއެކު މިއަދު ސޮއިކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ވޭމަންޑޫގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްގީކުރަން ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާ އެކު 9.7 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. 

ތ. އަތޮޅުގެ ސިއްހީ ނިޒާމު ވަރުގަދަކުރަން ހެދި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކޭއެފްއޭއީޑީގެ އެކްޓިން ޑިރެކްޓާ ޖެނަރަލްރަޝަޔަދު އަލީ އަލް ބަދްރެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ކުވޭތު ފަންޑުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 15 ވަނަ އެ ލޯނަކީ ސިއްހީ ދާއިރާއަށް ކޮށްފައިވާ ފުރަތަމަ އިންވެސްޓްމަންޓް ކަމަށެވެ. 

އެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ކޭއެފްއޭއީޑީ އިން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އަހަރެއްގެ މައްޗަށް ދޭ ލޯނުގެ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި ތިލަފުށީ ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ކޭއެފްއޭއީޑީ ފާޅުކޮށްފައިވެ އެވެ. 

މިދިޔަ ހޯމަ ދުވަހު ކޭއެފްއޭއީޑީ އިން ވަނީ ހެލްތު މިނިސްޓަރު ގީލާ އަލީއާ ވެސް ބައްދަލު ކުރައްވައި ވޭމަންޑުގައި ތަރައްގީކުރާ 50 އެނދުގެ ހޮސްޕިޓަލާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި ވަނީ ކުވައިތު ފަންޑާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަލަށް ތަރައްގީކުރާ 50 އެނދުގެ ހޮސްޕިޓަލްގެ ކަންކަން ފުރިހަމަވުމާ ހަމައަށް ވެސް ކޮށްދެވޭނެ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. 

އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ބޭނުންފުޅު ވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ "އަޅުވެތިކަން" ނިމުމަކަށް ގެނެސް، ރަށުން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.