ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ކުވައިތު ފަންޑުގެ އިސްވެރިންނާ އެކު ހެލްތު މިނިސްޓަރު ގީލާ އަލީ މަޝްވަރާކުރައްވައިފި އެވެ. 

ހެލްތު މިނިސްޓްރީން ބުނީ ވޭމަންޑޫގައި ތަރައްގީކުރާ 50 އެނދުގެ ހޮސްޕިޓަލާ ގުޅޭގޮތުން ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. 

އެ ބައްދަލުކުރެއްވުމުގައި ވަނީ ކުވައިތު ފަންޑާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަލަށް ތަރައްގީކުރާ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވުމާ ހަމައަށް ވެސް ކޮށްދެވޭނެ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. 

އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ބޭނުންފުޅު ވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ "އަޅުވެތިކަން" ނިމުމަކަށް ގެންނަވައި، ރަށުން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވާށެވެ.