އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގައި 55 މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށަހަޅައިފި އެވެެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ވޯޓުން އިންތިހާބުކުރި ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް 55 މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ.
ގައުމީ މަޖިލީހުގައި 123 މެމްބަރުން ތިއްބަވާއިރު، ޖަލްސާ ކުރިއަށް ގެންދެވެނީ 31 މެމްބަރުން ހަމަވެގެންނެވެ.
ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެ އެވެ.
އެ ޕެޓިޝަނުގައި ސޮއިކުރެއްވި ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ކުރީގެ މެމްބަރު ޔާސިރު އަބްދުލްލަތީފާއި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވެސް ވަނީ އެ ޕެޓިޝަނުގައި ސޮއި ކުރައްވައިފަ އެވެ.
ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާ އެ ޕެޓިޝަނުގައި ބުނީ ލޯކަލް ކަައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އެ ޕާޓީން ކުރިމަތިލީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު ކަމަށާއި ޕާޓީގެ މެމްބަރުންގެ ކެމްޕެއިނު މަސައްކަތުގައި ޕާޓީން ވެދެވެން އޮތް އެހީތެރިކަމަކަށް ނުބަލައި އެ މީހުންގެ އަމިއްލަ ޖީބުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކާމިޔާބު ހޯދުމަށް ކަމަށެވެ. އޭގެ ސަބަބުން ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށް ބުންޏެވެ.
ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ގަޕޯއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި ހުދުމުހުތާރު ނިޒާމަށް މުޅި ދައުލަތް އެކުގައި ފުރޮޅާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށް ވެސް އޭނާއާ ދެކޮޅު ޕެޓިޝަނުގައި ބުންޏެވެ. އަދި މިވަގުތު ދުނިޔޭގައި ބޮޑު ހަނގުރާމައެެއް ކުރަމުން އަންނައިރު އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރާއްޖެ އާއި ދިވެހިންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހޭ ގޮތަށް އަމަލުކުރަމުން ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
އެ ޕާޓީގެ ކިބައިން އެތައް ބަޔަކު ކުރާ އުއްމީދަކީ ރާއްޖެ އާއި ދިވެހިން ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނުން ކަމަށާއި ރައްޔިތުންގެ އުއްމީދާ އެއްގޮތަށް އެކަންކަން ހާސިލުކުރެވޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި ޕާޓީއަށް ތާއީދު އިތުރުކޮށް އާންމު މެމްބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެމްބަރުންގެ އިހްތިސާސްތައް ދެނެގަނެ، ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް އަދާކޮށްގެން ކަމަށެވެ.
އެކަމަކު ފެންނަމުންދަނީ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމާއި ޕާޓީގެ އަސާސީ ގަވާއިދު ކަނޑައެޅިގެން ހިލާފަށް އަމަލުކުރަން ފަށާފައިވާ މަންޒަރު ކަމަށް ޕެޓިޝަނުގައި ވެ އެވެ. އެ ޕެޓިޝަނުގައި ވަނީ އެއީ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ކުއްލި ގޮތުން ވަކިކުރުން ކަމަށް ޕެޓިޝަނުގައިވެ އެވެ.
އެ ބޭފުޅުން ވަކިކުރުމުގެ އެއްވެސް ސަބަބެއް ވަގުތީ ޗެއާޕާސަން ގަޕޯ އަށް ދެއްކިފައިނުވާ ކަމަށާއި މިއީ މިދިޔަ އިންތިހާބާ ގުޅޭ ގޮތުން އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޕާޓީގެ ފަރާތުން ދައުލަތުގެ އެކި މުއައްސަސާތަކަށް މައްސަލަ ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭގޮތުން އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ވަގުތެއް ކަމަށް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައި ވެ އެވެ. މިފަދަ ވަގުތެއްގައި ކުއްލި ގޮތަކަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އެއްވެސް ސަބަބެއް އެންގުމަކާ ނުލާ ވަކިކުރުމަކީ ޕާޓީގެ މެމްބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށް ވެސް ޕެޓިޝަނުގައިވެ އެވެ.
ޕެޓިޝަނުގައި ބުނީ އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޕާޓީއަށް އިތުރުވާން ފަށާފައިވާ ތާއީދާއި އިތުބާރު ގެއްލިދިއުމުގެ ފުރުސަތު ފުޅާވާނެ ކަމަށާއި ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަވެރިކަން އުފެދި ޕާޓީ ބައިބައިވުމަށް މަގުފަހިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންވެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކޮށް ދިނުމަށް އެދިފައިވާ މައްސަލާގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް އެޑެންޑާކޮށްދިނުމަށް ޕެޓިޝަނުގައި އެދިފައިވެ އެވެ.
ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް މި ފެށީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް ގަޕޯ ސޮއިކުރެއްވި ސިޓީއެއް ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށެވެ.
އެ މައްސަލާގައި އިބުރޭ އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާވެސް ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާ އިން އެ އައިޓަމް އުނިކުރި މައްސަލައެއްގަ އެވެ.
އެ މައްސަލަ ހޫނުވެ، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ އެކްޓިވިސްޓުން އެ ޖަލްސާ ބޮއިކޮޓްކުރި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ގަޕޯ އިންތިހާބުކުރީ އެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒުގެ އިސްތިއުފާ އަށް ފަހު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަޕޯ އިންތިހާބުކުރީ ވެސް އެމްޑީޕީގެ އެތެރޭގައި އޭރު އުފެދުނު ފެކްޝަން ކޯޅުމުގެ ތެރެއިންނެވެ.