ލުބްނާނަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާތައް ރާއްޖެއިން މިއަދު ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން، ސަރަހައްދީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ބުރޫއަރައި، ސަރަހައްދީ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ.

އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވަމުންދާތީ، އެކަން ޖަވާބުދާރީކުރުވަން އަވަސް ފިޔަވަޅުތަކެއް އަޅަން އެ ބަޔާނުގައި ވަނީ މުޖުތަމައުއަށް ގޮވާލައިފަ އެވެ.

ލުބްނާންގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިއްޔެ އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީ 250 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.

ލުބުނާނުގެ ސިވިލް ޑިފެންސުން ބުނީ އެ ގައުމުގެ ބެކާ ވާދީ އާއި މައުންޓް ލެބަނަން އަދި ސައިދަން ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދިން މި ހަމަލާތަކުގައި 254 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 1,165 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އެއީ، މިދިޔަ މަހުގެ 2 ވަނަ ދުވަހު އިޒްރޭލުން ލުބުނާނުގައި އަސްކަރީ އޮޕަރޭޝަން ފެށިފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެކެވެ.