މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާ އެއްވަރުވީ ފަސް ދާއިރާއެއްގައި ކަމަށާއި އެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިންތިހާބު ކުރަންޖެހޭ މެމްބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވޯޓުގެ އިތުރު ބުރެއް ބާއްވާ ދާއިރާތައް:
- ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް.
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) - އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމް.
- ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ.
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާ.
- ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު - އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާ.
އީސީން ބުނީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ.
އިސީން ބުނި ގޮތުގައި ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރު ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އިތުރު ބުރު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ މީހުންނާއި 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވާ މީހުން އެކަނި ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 1414 އިން ލިބޭނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާނީ 678 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުން ހޮވާނެ އެވެ. އެހެންވެ، ދެ އިންތިހާބުގައި ޖުމްލަ 1،356 މީހަކު އިންތިހާބު ކުރާނެ އެވެ.