ޑެންގީ ހުން ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެއްޖެ އެވެ.
އެޗްޕީއޭއިން އިއްޔެ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި، މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމުގެ 535 ކޭސް މިދިޔަ މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރުގެ މާޗް މަހު އެ އަދަދު ހުރީ 60 ގަ އެވެ.
އެ ބަލި ޖެހިގެން، މިދިޔަ ފެބްރުއަރީގައި 428 ކޭސް ރިޕޯޓުކޮށްފައި ވާއިރު އެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 76 ގަ އެވެ.
މިދިޔަ ދެތިން މަހަކީ ރާއްޖެއަށް އެންމެ ހޫނުވާ ދުވަސްވަރެވެ. ހޫނު މޫސުމުގައި އާންމުކޮށް ޑެންގީގެ ކޭސްތައް އިތުރުވެ އެވެ.
ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަދިރީގެ ހަށިގަނޑުގައި ޑެންގީ ވައިރަސް އާލާވާ މުއްދަތު ނުވަތަ އިންކިއުބޭޝަން ޕީރިއަޑް ކުރުވެ، މަދިރި އުފެދި ބޮޑުވުން އަވަސްވެ އެވެ. ހަމަ އެގޮތަށް، ވާރޭވެހުމުގެ ސަބަބުން މަދިރި އާލާވުމަށް ބޭނުންވާ މާހައުލު ތަނަވަސްވެ އެވެ. ހޫނުގަދަ އަދި ތެތްފިނިކަން ހުންނަ މާހައުލުތަކުގައި މަދިރި ގިނައިން އުޅެ އެވެ. އެހެން ވުވުމުން މަދިރި ހެފުން ވެސް އިތުރުވެ އެވެ.
މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ޑެންގީގެ ކޭސްތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން ޑެންގީ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކުރީ ވ. އަތޮޅުންނެވެ. ދެ ވަނައަށް އއ. އަތޮޅު އަދި ތިން ވަނައަށް ށ. އަތޮޅުންނެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.
ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންތައް
- ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ބޭނުންކުރުން
- ފަތިސް ގަޑީގައި އަދި ހަވީރާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން
ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ
- އަރާމުކުރުން
- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން. ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓު، ސޫޕް ފަދަ ތަކެތި ހިމެނޭ
- ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރެވިދާނެ. ތިން ދުވަހަށް ވެސް އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
މަދިރި ކޮންޓްރޯލްކުރުމާއި އެ ފަދަ ތަކެތި އުފެއްދޭ ތަންތަން ނައްތާލުމަކީ ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާއެކެވެ. އަދި އެޗްޕީއޭއިން ވެސް ވަނީ ޑެންގީ ހުމުން ސަލާމަތްވާން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިފަ އެވެ.