ފާއިތުވި 10 ދުވަސް ތެރޭ ޑެންގީގެ 107 ކޭސް ރިޕޯޓްކޮށްފައި ވާއިރު މީގެ ތެރެއިން 62 ކޭސް ނުވަތަ 57.94 ޕަސެންޓަކީ ހދ. ކުޅުދުއްފުށިން ރިޕޯޓްކޮށްފައިވާ ކޭސްތައް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. 

މި ދުވަސްވަރު ރާއްޖޭގައި އާދަޔާހިލާފަށް ޑެންގީ އިތުރުވެފައި ވާއިރު އެޗްޕީއޭ އިން "މިހާރު" އާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ދެ ހަފްތާގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކުރީ ކުޅުދުއްފުށިންނެވެ. އެރަށުން ޑެންގީގެ 62 ކޭސް ރިޕޯޓުކޮށްފައިވާއިރު ދެން އެންމެ ގިނަ ކޭސް ރިޕޯޓްކުރި މިލަންދޫން 17 ކޭސް އަދި ތިނަދޫން 16 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. 

މީގެ ތެރެއިން ކުޅުދުއްފުއްޓާއި ތިނަދޫ އަކީ އެ ސަރަހައްދުތަކުގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ރީޖަނަލް ހޮސްޕިޓަލް ހުންނަ ދެ ރަށެވެ. އެޗްޕީއޭ އިން ހިއްސާކުރި މައުލޫމާތުން، މިއީ ރަށުން ބަލި ޖެހުނު މީހުން ކަމެއް ނުވަތަ ހޮސްޕިޓަލަށް ދިޔަ އެހެން ރަށްރަށުގެ މީހުން ކަމެއް އެނގޭކަށް ނެތެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަސްޓަމާ ސާވިސް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު މުހައްމަދު ހުސެއިން "މިހާރު" އަށް ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ޑެންގީ ޖެހިގެން 147 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރެއިން 112 މީހުންނަކީ ކުޅުދުއްފުށީ މީހުންނެވެ. އަދި 11 މީހަކީ ރާއްޖެއިން ބޭރު މީހުން ކަމަށާއި ރަށުން ބޭރުން އެރަށަށް ދިޔަ 24 މީހަކު ވެސް ޑެންގީ ޖެހިގެން ޑޮކްޓަރަށް ދެއްކި ކަމަށް ވިދާޅުވި އެވެ. 

ރަށުގައި ޑެންގީ އިތުރުވެފައިވާތީ ކައުންސިލުން އިސްވެ، ޑެންގީ ޓާސްކް ފޯހެއް ހަދައިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ޓާސްކް ފޯހުން ވަނީ ރަށުގެ އެކި ތަންތަން ސާފުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ރަށުގެ އެކި މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް އޮންނަ އެ ޓާސްކް ފޯހުން އަންނަ ހޮނިހިރުގައި ގޭގެއަށް ޒިޔާރާތްކޮށް، ގޭގޭގައި ފެން ހެދިފައި ހުންނަ ތަންތަން ސާފުކުރުމުގެ މަސައްކަތް ވެސް ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ

ޑެންގީގެ ކޭސްތައް އެންމެ ގިނަ ރަށްތައް: 

  • ހދ. ކުޅުދުއްފުށި - 62 
  • ށ. މިލަންދޫ - 17
  • ގދ. ތިނަދޫ - 16
  • ކ. މާލެ - 15
  • އދ. މާމިގިލި - 13
  • ހދ. ފިނޭ - 10 
  • މ. މަޑުއްވަރި - 10 
  • ކ. މާފުށި - 10 
  • ކ. ތުލުސްދޫ - 8 
  • ގދ. ގައްދޫ 8 

ފާއިތުވި 10 ދުވަހު ޑެންގީގެ ކޭސްތައް އެންމެ ގިނަ އަތޮޅުތައް:

  • ހދ. އަތޮޅުން 83 ކޭސް
  • ގދ. އަތޮޅުން 35 ކޭސް
  • ކ. އަތޮޅުން 29 ކޭސް
  • މާލޭ ސަރަހައްދުން 22 ކޭސް
  • ށ. އަތޮޅުން 20 ކޭސް
  • ރ. އަތޮޅުން 19 ކޭސް
  • މ އަތޮޅުން 17 ކޭސް
  • އދ. އަތޮޅުން 15 ކޭސް
  • ލ. އަތޮޅުން 13 ކޭސް
  • އއ. އަތޮޅުން 11 ކޭސް

އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު 2،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދަކީ 373 އެވެ. 

އެ އިދާރާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖެނުއަރީ މަހު ޑެންގީގެ 679 ކޭސް އަދި ފެބްރުއަރީގައި 428 ކޭސް ރިޕޯޓުކުރި އެވެ. މާޗު މަހު 601 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު އޭޕްރީލްގައި އެ އަދަދު ހުރީ 635 ގަ އެވެ. މި މަހު މިހާތަނަށް 116 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.