ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ގެނައި ބަދަލުގެ ދަށުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އިިއްޔެ އުވާލައިފި އެވެ.
ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.
އެކަމަކު ރޭ 7:00 ގައި ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް އަލުން އެކުލަވާލިއިރު ސިޓީސް އެންޑް ލޯކަލް މިނިސްޓްރީއެއް ނެތެވެ. އަދި ކެބިނެޓު ރޭ އަލުން އެކުލަވާލައްވައި، މިނިސްޓަރުން އައްޔަން ކުރެއްވިއިރު، އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފަށް އެއްވެސް މަގާމެއް އަދި ނުދެއްވަ އެވެ.
ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ގާނޫނީ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ކަމަށް ވާއިރު މި ސަރުކާރުގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީ އުފެއްދުމުން ވެސް ކުރިން ފާޑުކިޔުން އައިސްފައި ވެ އެވެ.
ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށަށް ބަދަކޮށްފަ އެވެ.
އޭގެ ތެރޭގައި ސަރުކާރުން ހިންގާ ހަރަކާތްތަކަށް ޕަބްލިކް ވޯކްސްގެ ދާއިރާ އިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަތޮޅުތައް ހިންގުމުގެ ބޭނުމަށް ގާއިމުކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ތަންތަނާއި ވަސީލަތްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. އަދި ލޯކަލް ކައުންސިލްތަކުން ޕަބްލިކް އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި އެފަދަ މަޝްރޫއުތަކުގެ ފެންވަރު ވަޒަންކޮށް، މޮނިޓަ ކުރުން ހިމެނެ އެވެ.
މީގެ ކުރިން، ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވުޖޫދު ނުވާއިރު ވެސް ޕަބްލިކް ވޯކްސްގެ ހުރިހާ ކަމެއް ބެލެހެއްޓީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.
ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލިޔަސް، އެ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު ވެސް މަސައްކަތް ނިކުތެވެ. އޭގެ ތެރޭގައި ސިވިލް މުވައްޒަފުންނާއި ސިޔާސީ މީހުން ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި ވަކި ގޮތެއް އެ މުވައްޒަފުންނަށް އަންގަންދެން އެ މުވައްޒަފުން އެ މިނިސްޓްރީގެ މަސައްކަތަށް ނިކުންނާނެ އެވެ.
ކެބިނެޓުގެ 10 މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވީ ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް މިނިސްޓަރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ރޭ އަރުވައިފަ އެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރެއްވިއިރު ބައެއް މިނިސްޓްރީތަކުގެ ނަންތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ. އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީ އެއްކޮށްލާފައިވާއިރު ޓޫރިޒަމް ގެނެސްފައި ވަނީ ސިވިލް އޭވިއޭޝަނުގެ ދަށަށެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލާފައިވާއިރު ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ވެސް ވަނީ އެއް މިނިސްޓްރީއެއްގެ ގޮތަށް ބަދަލުކޮށްފަ އެވެ. ކުރިން ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން ވެސް ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖަށް ބަދަލުކޮށްފަ އެވެ.
އަކަށް އެކުލަވާލެއްވި މިނިސްޓްރީޓްރީތަކާއި އެ ތަންތަނަށް އައްޔަންކުރެއްވި މިނިސްޓަރުން
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
ކެބިނެޓުން އިއްޔެ އިސްތިއުފާ ދެއްވި ބޭފުޅުން
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު
ގިނަ އަދަދެއްގެ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވިއިރު ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވި އެވެ. އަދި ބައެއް ބޭފުޅުން މަގާމުން ވަކިކުރެއްވި އެވެ.
އެ ބަދަލުތައް ގެންނަން ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވަނިކޮށެވެ.