ވީރާނާވެ، ހަލާކުވެފައިވާ ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފި އެވެ. 

ސުނާމީ ބިނާ މައިޒާނުގެ ނެރާ ދިމާލުން ބޮޑު ބައެއް ގާތައް ނެއްޓި މޫދަށް ދަމައިގެންފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެތަނުގެ ނަން ބޯޑު ވެސް ހަލާކުވެ ބިންދިފައިވާއިރު އެ ސަރަހައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ވެސް ބަދަލުނުކުރާތީ އަލިކަމެއް ނޯވެ އެެވެ. 

އެހެންވެ، ވަރަށް ބޮޑަށް ހަލާކުވެ، ވީރާނާވެފައި އޮތުމުން އެތަން ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. 

އެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށައި އެތަނުގެ މަރާމާތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމައިފަ އެވެ. 

އެމްޓީސީސީން ބުނީ ސުނާމީ ބިނާ މައިޒާން މަރާމާތުކުރުމުގެ ޕިޒިކަލް ހުރިހާ މަސައްކަތެއް މިމަހުގެ 2 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. 

އެތަނުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން ބިންގަނޑު އަލުން އެއްވަރުކޮށް، ގާ ޖަހާފައިވާއިރު މޫދާ ދިމާލަށް އޮންނަ ފާރުގައި ވަނީ ފެންސު ޖަހައި ރީތިކޮށްފަ އެވެ. 

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރިން އެތަނުގައި އިށީންދެލައިގެން ތިބުމަށް ޖޯލި ބަހައްޓާފައި ހުއްޓަސް ޖޯލިފަތީގެ ވާތައް ކެނޑި އެތަން ވެސް ހުރީ ހަލާކުވެފަ އެވެ. އެކަމަކު އެތަން މަރާމާތު ކުރިއިރު މުޅި ތަން ވަށައިގެން ލައިޓް ހަރުކޮށް، އެތަނުގައި އިށީންދެލައިގެން ތިބެވޭނެ ގޮތަށް ހުރީ ހަދައިފަ އެވެ.

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނާމީ ބިނާ މައިޒާން މަރާމާތުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސުނާމީ ބިނާގެ ދަގަނޑުތަކުގައި ޖަހާފައިވާ ދަބަރުތައް ފިލުވައި އޭގެ މަރާމާތުގެ މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ.

ކުރިން ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ، ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖު ހަދާށެވެ. އެއީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ބިނާއެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި ތަން ތަރައްގީކުރީ ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރެވެ. މި ތަންތަން ކައުންސިލުން މަރާމާތު ނުކުރާ ކަމަށް ވިދާޅުވެ ރައީސް ވެސް ވަނީ މީގެ ކުރިން ފާޑުވިދާޅުވެފަ އެވެ. އަދި އެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އަހަރު ދުވަސް ކުރިން ވެސް އެ ހާލަތުގައި އެ ތަން އޮތްއިރު، އެ ތަން ނުހަދާ އެހާ ގިނަ ދުވަސްވަނީ ކީއްވެތޯ ސުވާލުކުރުމުން އޭރު މާލޭ ސިޓީ ކައުންސިލުން ބުނީ އަލުން އެތަން ހެދުމަށް ކައުންސިލުގައި ބަޖެޓް ނެތް ކަމަށެވެ. 

ސުނާމީ ބިނާގެ ހާލަތާ ގުޅޭގޮތުން ކައުންސިލުން ތަންކޮޅެއް ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ވެލިގަނޑު މޫދަށް ދަމައިގަތުމުގެ ސަބަބުން، އަހަރަކު 3-4 ފަހަރު އެ ތަނުގެ ގާތައް ނަގައި ކޮނުމަށް ފަހު ވެލި އަޅައި ލެވެލް ކުރަންޖެހޭ ކަމަށެވެ. އަދި ދާއިމީ ހައްލަކީ ޝީޓްޕައިލް ނަގައި އަލުން ޝީޓްޕައިލް އެޅުން ކަމަށް ވެސް ބުނެފައިވެ އެވެ. ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް އަބަދުވެސް ލިބޭތީ ރިޕޯޓުގައި ވަނީ ހުޅަނގު ފަރާތު ޝީޓްޕައިލް މިހާރަށް ވުރެ ދެ ފޫޓު އުސްކޮށް އެތެރެއަށް ރާޅު ނާރާނެ ގޮތަށް ޑިޒައިން ކުރަންޖެހޭކަން ފާހަގަކޮށްފަ އެވެ.