މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ސަރުކާރުން ހިންގި ސްކީމްގެ ދަށުން ދީފައިވާ ގޯތިތައް ބިން ހިއްކޭ ވަރަކުން ހަވާލުކުރަމުން އަންނަ ކަމަށާއި އެ ގޯތިތައް ރަޖިސްްޓްރީ ކުރެވޭނީ ބިން ހިއްކައި ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ގަލޮޅު އުތުރުދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ގިރާވަރު ފަޅުގެ ލޭންޑްޔޫޒް ޕްލޭން ހަދައި އާއްމުކޮށް، ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ ގޯތިތައް ރަޖިސްޓްރީކޮށް ނުދީ އޮތީ ބިންހިއްކައި ނުނިމޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ބިން ހިއްކާ ނިމުނީމާ އެ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭ 3ގެ ބިން ވެސް ހިއްކާ ނިމުމާ އެކު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށައި 100 އަށް ވުރެ ގިނަ ގޯތި މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ ތެރެއިން ގިރާވަރު ފަޅުގެ ބައެއް ގޯތިތައް ގުޅިފަޅުން ލިބުނު ޖާގައަށް ބަދަލުކުރުމަށް ފަހު ގުޅިފަޅުން އެ ގޯތިތައް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ބަދަލު ގެނައީ އޭނާ ވިދާޅުވި ގޮތުގައި ގިރާވަރު ފަޅުން ދޫކުރަން ކުރީގެ ސަރުކާރުން ކަނޑައެޅި 5،000 ގޯތި އެ ތަނުގައި ހިއްކާ ސަރަހައްދުން ހަމަނުވާތީ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަން ނަމަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އެ މަސައްކަތް ނިމުމާ އެކު ގޯތިތައް ހަވާލުކުރުމާއި ރަޖިސްޓްރީކޮށްދިނުމުގެ ކަންތައް އެކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ހުޅުމާލެ ފޭސް ތިނެއް ވެސް ހިއްކާ ނިމުމާ އެއްކޮށް އަޅުގަނޑުމެން މިހާރު މިދަނީ [ގޯތިތައް] ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން. ސަތޭކައަށް ވުރެ ގިނަ ފަރާތާ މިހާރު ވަނީ ހަވާލުކޮށްފައި. ހަމަ އެ އުސޫލުން ގިރާވަރު ވެސް އިރާދަކުރެއްވިއްޔާ މެއި 31 ގައި، ބިން ހިއްކާ ނިމުމާ އެއްކޮށް ސާވޭ ކޮށްފައި، ރަޖިސްޓްރީ ހެދުމާ ގޯތި ހަވާލުކުރުމާ މި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ހުޅުމާލޭ 3 އިން މިހާތަނަށް 125 ގޯއްޗެއްގެ އިން ވަކިކޮށް، ގޯތި ލިބޭ މީހުންނާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ގުޅިފަޅުން 169 ގޯއްޗެއް ވެސް ވަނީ ގޯތި ލިބުނު މީހުންނާ ހަވާލުކޮށްފަ އެވެ. 

 ހުޅުމާލެ 3 އިން ދޫކުރާ ގޯތިތަކުގެ ތެރެއިން އާ އެގްރީމެންޓްގައި ސޮއިކޮށްފައިވާ އަދަދަކީ 451 އެވެ.  ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން އާ އެގްރީމެންޓްގައި ސޮއިކޮށްފައިވާ އަދަދަކީ 2،972 އެވެ.